ބޮލީވުޑުގެ ބަތަލު އަކްޝޭ ކުމާރަކީ މިވަގުތު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެންމެ ހުނަރުވެރި އެކަކު ކަމަށް ބުނެ، ސަލްމާން ޚާން އަކްޝޭ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

އަކްޝޭ އަށް ތައުރީފުކޮށް ސަލްމާން ވާހަކަ ދައްކާފައި ވަނީ އަކްޝޭ އަދި ރަޖްނީކާންތުގެ ފިލްމު '2.0' ގެ ފަސްޓް ލުކް ދައްކާލުމަށް މުމްބާއީގައި ހުންނަ ޔަޝް ރާޖް ފިލްމް ސްޓޫޑިއޯ ގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުންނެވެ.

އެ ހަފްލާއަށް ސަލްމާނަށް ދައުވަތު ދީފައެއް ނުވެއެވެ. ނަމަވެސް ސަލްމާން އެ ހަފްލާ އަށް ދިޔައީ ރަޖްނީކާންތު އާ ބައްދަލު ކޮށްލުމަށެވެ.

ހަފްލާގައި ވާހަކަ ދެއްކުމަށް ސަލްމާނަށް ފުރުސަތު ދިނުމުން، ސަލްމާން ވަނީ '2.0' ގައި ވިލަންގެ ރޯލުން ފެނިގެންދާ އަކްޝޭއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

"އަކްޝޭ ކުމާރަކީ މި އިންޑަސްޓްރީގައި ހުރި އެންމެ ހުނަރުވެރި އެކަކު. އަހަރެން މީގެ ކުރިން އަކްޝޭ އާއެކު ވާނީ މަސައްކަތް ކޮށްފައި. އަކްޝޭ އަކީ ވަރަށް ވަރަށް މޮޅު އެކްޓަރެއް. އަހަރެމެންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ދުވަހަކަށް ވުރެ ދުވަހެއް އެކްޓަރެއްގެ ގޮތުގައި ރަނގަޅު ވަމުން އަންނަނީ އަކްޝޭ،" ސަލްމާން ބުންޏެވެ.

އަކްޝޭ ވަނީ އެ ހަފްލާގައި ބައިވެރިވުމަށް ސަލްމާން އައުމުން އެކަމަށް ޝުކުރު އަދާކޮށްފައެވެ.

'2.0' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ދިވާލީ އާ ދިމާކޮށެވެ.