އިންޑިއާއާއި ރާއްޖެއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުމުން އިތުރަށް ގުޅުވާލުމަށްޓަކައި، ރާއްޖެއާ އިންޑިއާއާ ދެމެދު މައިގަނޑު ފަސް ކަމެއް އިންޑިއާގެ ވިޔަފާރިވެރީންގެ ފަރާތުން ހުށަހަޅައިފިއެވެ.

މި ހަފްތާގައި އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށް ގެންދިޔަ ބޭއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާރި އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ފެޑަރޭޝަން އޮފް އިންޑިއާން ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެންނެވެ. ފިކީގެ މެމްބަރު ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކުން ވަނީ ފޯރަމަށް ޒިޔާރަތް ކޮށްފައެވެ. އަދި އިންޑިއާއާއި އެހެނިގެން ގައުމުތަކުގެ ވިޔަފާރިވެރިން ވެސް ޒިޔާރަތް ކުރިއެވެ.

ފޯރަމް ހުޅުވުމަށް އަންގާރަ ދުވަހު ތާޖް ޕެލެސް ހޮޓެލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ފިކީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި އިންޑިއާގެ ނިއުދިއްލީގެ "ސަން އިންޓަނޭޝަނަލް" ކުންފުނީގެ ޗެއާމަން ވިކްރަމްޖީތު ސިންހް ސާނީ ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާ ވިޔަފާރީގެ ގޮތުން ގުޅުމަށް އިންޑިއާގެ ގިނަ ވިޔަފާރިވެރިން ބޭނުންވާ ކަމަށެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން: ނިއު ދިއްލީގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އިންޑިއާއާއި ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ބައިވެރިވި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ވިކްރަމްޖީތު ވަނީ، އިންޑިއާއާއި ރާއްޖެއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުމަށް ފަސް ކަމެއް ހުށަހަޅުއްވައިފައެވެ. އެ ފަސް ކަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ، އިންޑިއާގެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާގެ ގިނަ ހިސާބުތަކަށް ރާއްޖެއަށް ދަތުރުކުރާ ސީދާ ފްލައިޓުތައް އޮޕަރޭޓު ކުރުމެވެ. އަދި ރާއްޖޭގައި އަގުހެޔޮ، ބަޖެޓު ހޮޓެލްތަކެއް ގާއިމުކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ވަރަށް އަގުބޮޑު، ލަގްޒަރީ ޓޫރިސްޓު މަންޒިލަކަށް ވާ އިރު، އެ ސަބަބަށްޓަކައި އިންޑިއާގެ ބައެއް މީހުން ރާއްޖެއަށް އައުމަށް ޖެހިލުންވާ ކަމަށެވެ.

"ބައެއް މެދުފަންތީގެ މީހުން ޖެހިލުންވޭހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑު އެދެނީ ދިއްލީ ނުވަތަ ބޮމްބޭއިން ކަހަލަ ތަންތަނުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްސް ފައްޓަވައިދެއްވާ. އަދި ރާއްޖޭގައި ބަޖެޓު ހޮޓެލްތަކެއްވެސް ގާއިމުކުރުމަކީ ރަނގަޅުކަމެއް. އިންޑިއާއަށް ނިސްބަތްވާ ގިނަ ބަޖެޓު ހޮޓެލް ޗެއިންތަކެއް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ވިލާތުގެ މުއްސަނދިންނަށް އޮތް މަންޒިލެއް ކަމަށް ދެކެވިފައިވާ ދެކުމަށް ނިމުމެއް ގެންނަން ޖެހޭނެ ކަމަށާއި، މި ކަންތައް ކޮށްފި ނަމަ، އިންޑިއާގެ މުޅި އާބާދީ ދިވެހިރާއްޖޭގެ މާކެޓަކަށް ވެގެން ދާނެ ކަމަށެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން: ނިއު ދިއްލީގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އިންޑިއާއާއި ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ބައިވެރިވި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"އަޅުގަނޑު މީގެ އިރުކޮޅެއް ކުރިން އިކޮނޮމިކް މިނިސްޓަރު އަރިހުގައި ދަންނަވަމުން ދިޔައީ، މި ދެ ކަންތައް ކުރެވިއްޖެ ނަމަ އިންޑިއާގެ 1.25 ބިލިޔަން މީހުންގެ އާބާދީ އޮންނާނީ ދިވެހިރާއްޖޭގެ އަތުތެރޭގައޭ،" ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ވިކްރަމްޖީތު ވިދާޅުވިއެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހުށަހެޅި ފަސް ކަންތައް

  • މަހާއި ސިމެންތި އަދި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އިތުރުން، ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރެވޭނެ އިތުރު ދާއިރާތައް ހޯދުން.
  • ވިޔަފާރީގެ ޔަގީންކަމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އިންވެސްޓްމެންޓުތަކަށް ރައްކާތެރިކަމާއި ޕްރޮމޯޝަން ލިބޭނެ އެއްބަސްވުންތަކެއް އެކުލަވާލުން.
  • ދެގައުމަށް ޒިޔާރަތްކުރާ ވިޔަފާރި ވަފުދުތައް އިތުރުކޮށް ވިޔަފާރިވެރިންގެ ދެމެދުގައި މަޝްވަރާތައް އިތުރުކުރުން.
  • ރާއްޖެ ދަތުރުކުރާ ފްލައިޓުތައް އިތުރުކޮށް، އިންޑިއާގެ މެދުފަންތީގެ ރައްޔިތުންނަށް ފޯރުންތެރިކަން ހުންނާނެ ފަދަ ބަޖެޓު ހޮޓެލްތައް ރާއްޖޭގައި އިތުރުކުރުން.
  • ފިކީ ޖަމިއްޔާ މެދުވެރިކޮށް ސިއްހީ އަދި ތައުލީމީ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ރާއްޖެއަށް ހިއްސާކުރުން.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން އިންޑިއާގެ ޓްރެވަލް މާކެޓު ރާއްޖެއާ މެދު އެހާ މަގުބޫލުކަމެއް ނެތް ކަމަށެވެ.

މިނިސްޓަރު ސައީދު: ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން އިންޑިއާގެ ވިޔަފާރިވެރިންގެ ލޯތައް ކުރިއަށް ވުރެ އިތުރަށް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ މާހިލް މުހައްމަދު

އެހެން ނަމަވެސް ރާއްޖޭން އަމިއްލައަށް އިސްނަގައިގެން ބާއްވާ، އިންވެސްޓްމެންޓް ފޯރަމް ފަދަ މާކެޓިންގް ހަރަކާތްތަކުގެ ސަބަބުން އިންޑިއާގެ ޓްރެވަލް އިންޑަސްޓްރީން ރާއްޖެއާ މެދު ބަލާ ބެލުމާއި ދެކޭ ދެކުން ބަދަލުވެ، އިތުރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިތަނުގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނާއި މިފަދަ ކަންކަން މެދުވެރިކޮށް މި ކޮމިއުނިކޭޓު ކުރެވެނީ. މީގެ ސަބަބުން އިންޑިއާއަށް ރާޢްޖޭގެ މަގުބޫލުކަން އިތުރުވެގެން ދޭ،"

އެހެން ނަމަވެސް އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ވަރަށް ބޮޑަށް ރާއްޖެ އިޝްތިހާރު ކުރަންޖެހޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.