ޒުވާނުންނާއި އަންހެނުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އައިޝަތު ރަފިއްޔާ (ރަފީ)އަށް ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން ޒުވާނުންގެ އިނާމު ލިބިވަޑައިގެންފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާގައި ރަފިއްޔާއަށް ޒުވާނުންގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވެސް ވަނީ ރަފިއްޔާގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ރަފިއްޔާގެ ކުޅަދާނަ މަސައްކަތުން މިސާލު ނެންގެވުމަށް ރައީސް ޔާމީން ވަނީ ޒުވާނުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ރަފިއްޔާގެ ކުޅަދާނަ މަސައްކަތާއި މި ސަރަހައްދުގައި ވެސް ރަފިއްޔާ ފާހަގަ ކުރެއްވޭ ގޮތަށް، ކީއްވެގެންތޯ ދިވެހި އެހެން ޒުވާނުން، ޒުވާން ފިރިހެން ކުދިން، ޒުވާން އަންހެން ކުދިން ރަފިއްޔާގެ ނަމޫނާ ނަކަލު ނުކުރާންވީ؟ރައީސް ޔާމީން

ރަފިއްޔާ ވަނީ ސްކޫލު ދައުރުއްސުރެ އިޖްތިމާއީީ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ ލީޑާޝިޕް ދެއްކުމުގެ އިތުރުން ތައުލީމީ ގޮތުންނާއި ސްކޫލު ފެންވަރުގައި ރަން ވަނަތައް ހޯދާފަ އެވެ.

އުމުރުން 12 އަހަރުގައި ރަފިއްޔާ ދަރުމައަށް މަސައްކަތް ކުރަން ފަށާފައިވާއިރު، މަތީ ތައުލީމު ހާސިލް ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް 2001 ވަނަ އަހަރުގައި ފަރުދީ ފެންވަރުގައި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތް ފެށި އެވެ.

އެގޮތުން ފާއިތުވި 23 އަހަރު ދުވަހުގެ ތެރޭގައި އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރެއްވުމަށް ރީޖަނަލް އެލަޔަން ފޯ ފޮސްޓަރިން ޔޫތު (ރަފީ)ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައި ބްލެކް ފައުންޑޭޝަން އަދި ވިމެން އޮން ބޯޑްސްގައި ރަފިއްޔާ ވަނީ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.

ޓޫރިޒަމް ދާއިރާގައްޔާއި ސަރުކާރު ކުންފުނިތަކުގައްޔާއި އަންހެނުންގެ ކޮމިޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި ސިޔާސީ ދާއިރާގައި ވެސް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރަފިއްޔާ އަކީ ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ ބޭކަނބަލެކެވެ. އޭނާ ގެންދަވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ، ނައިބު ލީޑަރުގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ރަފީ ހޯއްދަވާފައިވާ އެވޯޑުތަކުގެ ތެރެއިން ވުމަން ލީޑާސް އެވޯޑް، ޔަންގް ވުމަން ސުޕާ އެޗީވާސް އެކްސްސެލެންސް އިން ކޯޕަރޭޓް އެންޑް ޕަބްލިކް އެފެއާޒް އެވޯޑު އަދި ޓޯއީޕް އެވޯޑު ފާހަގަ ކޮށްލެވެ އެވެ. އަދި އޭގެ އިތުރުން ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަން ޑިސްޓިންޝަން އެވޯޑު ހާސިލްކޮށް އެ އިންސްޓިޓިއުޝަންގެ ހޮނަރަރީ ޕްރެސިޑެންޓުގެ މަގާމު ދެކުނު އޭޝިއާގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި ރަފީ ވަނީ ހޮވި ވަޑައިގެންފަ އެވެ.

ދަރުމަވެރިކަމުގެ އިނާމު ހާސިލް ކުރެއްވި ރަފިއްޔާ ވަނީ ޒުވާން ލީޑަރެއްގެ ގޮތުގައި ސާކް އަދި އޭޝިޔާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކޮށް ތަމްރީން ޕްރޮގްރާމްތަކާއި ސެމިނާތައް ވެސް ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގައި ހިންގައި އަދި އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

އެގޮތުން ރަފީ ޖަމިއްޔާ ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަން އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ޓްރެއިންނިން ޕްރޮގްރާމްތައް ހިންގުމުގައި ރަފީ ވަނީ ހަރަކާތްތެރިވެފަ އެވެ.