24 Nov 2016, 01:07
ސަރުކާރަށް ހޯދައިދެވޭޭނީ ފުރުސަތު ކަމަށާއި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ބަޔަކީ ޒުވާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ ސަރުކާރުން އުފައްދައި ދޭ ވަޒީފާތަކަކީ ދިވެހި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ހައްގެއް ކަމުގައި ދެކެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮށްދެވޭނެ މަސައްކަތަކީ ފުރުސަތު ހޯދައި ދިނުން. ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ބަޔަކީ ހަމަ ހަގީގަތުގައިވެސް އޭގެ ހައްގުވެރިން. ދިވެހި ޒުވާނުން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިންޓަނޭޭޝަނަލް އެއާޕޯޓު ނިމި ހުޅުވަން ހަމަޖެހިފައިވާ ފަންސާހަކަށް ރިސޯޓު 2018 ގެ ނިޔަލަށް ނުވަތަ އޭގެ ކުރިން ހުޅުވިއްޖެނަމަ 94000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން ގެޓްސެޓް ޕްރޮގްރާމް ހިނގަމުން ދަނީ ވަރަށް ކާމިޔާބު ކަމާ އެކުގައި ކަމަށެވެ. އަދި ގިނަ ޒުވާނުންނަށް ޓޫރިޒަމްގެ ސިނާއަތުން ލިބޭނެ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ގެސްޓްހައުސް އާއްމުވެގެން ދިއުން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. ގެސްޓްހައުސްތައް އާއްމުވެ ފުޅާވެގެން ދިއުމަށް ސަރުކާރުން ހުރަސް ނާޅާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ގެސްޓުހައުސްތައް އާއްމުވެގެން ފުޅާވެގެން ދާކަށް ހުރަހެއް ނާޅާނެ. އެހެންވީމަ ވަރަށް ގިނަ ތަފާތު ރަށްރަށުގަ ގެސްޓްހައުސް އަށް އެދޭ ކައުންސިލްތަކަށް ގެސްޓްހައުސްއަށް އަޅުގަނޑުމެން ޖާގަ ދެމުން މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ޒުވާނުންނަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެމުން އަންނަ ކަމަށާއި، އެގޮތުން ހުޅުމާލެ އަކީ ޒުވާނުންގެ އުއްމީދާ ގުޅިފައިވާ ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހުޅުމާލެ ހިއްކި އާރާސްތު ކުރަމުންދާ އިންފްރާސްޓްރަކްޗާ އަކީ ޒުވާނުންުގެ އުއްމީދާއި ޒުވާނުންގެ ދިރުމާ ގުޅިގައި ހުރި ކަންތައް. އެއީ ކޮންމެހެން ރައީސް ޔާމީން ރަނގަޅުވެގެން ކުރާ ކަމެއް ނޫން. އެއީ ރައީސް ޔާމީން ކުރަންޖެހޭ ކަމެއް. އަދި އޭގެ ކުރީގެ ރައީސުންވެސް ކުރައްވަން ޖެހިފަ ހުރި ކަންކަން،" މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދާއިރާތަކުން ރީތި ވަނަތައް ހޯއްދަވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި، އޭގެ މާނައަކީ ދެން ތިބި ޒުވާނުންގެ މަތިން ހަނދާން ނައްތާލަނީ ނޫން ކަމަށެވެ.
މިރޭ ވަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ހިތްވަރު ގަދަ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ ޒުވާނުންގެ އިނާމު އަށް ފަރާތަކަށް ދީފަ އެވެ.