24 Nov 2016, 08:59
ޒަކާތަކީ އިސްލާމްކަމުގެ ތިން ވަނަ ރުކުނެވެ. ޒަކާތް ބެހެނީ ފިތުރު ޒަކާތާއި މުދަލު ޒަކާތުގެ މައްޗަށެވެ. އޭގެ ތެރެއިން މުދަލު ޒަކާތަކީ ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ފަހަށް ރައްކާކޮށްފައި އަތުގައި ނުވަތަ ބޭންކު އެކައުންޓުގައި ހުރި ފައިސާ އަށް ނިސާބު ހަމަވާ ވަރަށް ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާ ޒަކާތެކެވެ.
މިއީ ހަމައެކަނި ބޮޑެތި ކުންފުނިތައް ހިންގާ މުއްސަނދި ވިޔަފާރި ވެރިންނަށް ވާޖިބުވާ ޒަކާތެއް ނޫނެވެ.
މި އަހަރުގެ މާރިޗް މަހުން ފެށިގެން އިސްލާމިކް މިނިސްޓްރީއާއި ކައުންސިލް އިދާރާތަކުން ބަލައިގަންނަމުން އައި މުދަލު ޒަކާތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެއީ ވެސް މުދަލަތު ޒަކާތަށް ގިނަ ބަޔަކު އިހުމާލުވާތީ އިސްލާމިކް މިނިސްޓްރީން އެޅި ފިޔަވަޅެކެވެ.
މުދަލަގެ ޒަކާތުގެ މިހާރުގެ ނިސްބަތެއް ކަމަށް އިސްލާމިކް މިނިސްޓްރީ ވެބްސައިޓުގައި ބުނެފައި ވަނީ 4212.50 ރުފިޔާ ކަމަށެވެ. ނަމަވެސް މުދަލަތު ޒަކާތް ދައްކަން ޖެހޭ މީހުންގެ ތެރެއިން ޒަކާތް ދައްކާފައިވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަނީ ދައްވަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މުދަލަތު ޒަކާތް ދައްކަން ޖެހޭ މީހުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް މުދަލަތު ޒަކާތް ދައްކާފައި ވަނީ އެންމެ 10 ޕަސެންޓް މީހުންނެވެ.
ވޭތުވެ ދިޔަ ތިން އަހަރުގެ މުދަލު ޒަކާތުގެ ތަފާސް ހިސާބަށް ބަލާއިރު 2014 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 30 މިލިއަން ރުފިޔާ ލިބުނު އިރު، 2015 ވަނަ އަހަރު ލިބިފައި ވަނީ 41 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ލިބިފައި ވަނީ 34 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި، މުދަލު ޒަކާތް ދައްކަން ޖެހޭ މީހުންގެ މިންގަނޑު އެ މިނިސްޓްރީން ބަލަމުންދަނީ މީރާ އިން ލިބޭ ތަފާސް ހިސާބުތަކަށް ބަލައިގެންނެވެ. ނަމަވެސް މުދަލު ޒަކާތް ނެރެން ޖެހޭ މީހުންގެ އަދަދު އެނގޭނެ ފަދަ ނިޒާމެއް އަދި ރާއްޖެއަކު ގާއިމްވެފައެއް ނެތެވެ.
ޒަކާތުގެ ގޮތުގައި ދައްކާ ފައިސާއަކީ ކަނޑައެޅިގެން ބަޔާންކުރައްވާފައިވާ ވަކި ފަރާތްތަކަކަށް ބެހުން ވާޖިބު އެއްޗެކެވެ. ޒަކާތުގެ ބެހެނިވެރިންނަކީ ފަގީރުންނާއި މިސްކީނުންނާއި އާމިލުންނާއި އިސްލާމްދީނާ މެދު ޝައުގުވެރިވާމީހުންގެ އިތުރުން އަޅުވެތިކަމުގައިވާ މީހުން މިނިވަންކުރުމަށާއި ދަރަނިވެރިންނަށާއި ފީސަބީލިلله އަށެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ރާއްޖޭގައި ބައްސަވަނީ އިސްލާމިކް މިނިސްޓްރީގެ ކަމާ ބެހޭ ކޮމެޓީއަކުންނެވެ.
މުދަލު ޒަކާތް ހައްގުވާ މާލޭ ސަރަހައްދުގެ ފަގީރުންނަށް ޒަކާތުގެ ފައިސާ މި މަހުގެ 21 އިން މިއަދުގެ ނިޔަލަށް މާލޭ ސަރަހައްދުގެ މީހުންނަށް ބަހައި ވަނީ ނިމިފަ އެވެ.
މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބަހާނީ ނިމުނު ހިޖުރީ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ. އެގޮތުން، މިއަހަރު މުދަލުޒަކާތުގެ ފައިސާ ހޯދުމަށް ފަގީރުންގެ ގޮތުގައި 12335 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.
އެއީ މާލޭ ސަރަހައްދުން 2239 ފަގީރުންނާއި އަތޮޅުތަކުގެ ތެރެއިން 9936 ފަގީރުންނެވެ. މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު، ޖުމްލަ 11،101،500 ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.