24 Nov 2016, 11:22
ބައިނަލްއަގުވާމީ ދިރާސީ މުބާރާތެއް ކަމުގައިވާ ގެ، ޓޯނަމެންޓް އޮފް ޗެމްޕިއަންސްގައި ބައިވެރިވި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް)އިން ހަތަރު ރަން މެޑަލް ހޯދައިފި އެވެ.
ވޯލްޑް ސްކޯލާސް ކަޕަކީ އެމެރިކާގެ ޑެމިޑެކް ކުންފުނިން، 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ އެކެޑެމިކް މުބާރާތެކެވެ. ތިން ބުރަކަށް ކުރިއަށް ގެންދާ އެމުބާތުގެ ޗެމްޕިމްޕިއަންސް ބުރު ކުރިއަށްދިޔައީ ނޮވެމްބަރު 18އިން 21 އަށް އެމެރިކާގެ ނިއު ހެވަންގެ ޔޭލް ޔުނިވާސިޓީގަ އެވެ.
އެ މުބާރާތުގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވީ، ޣިޔާސުއްދީން ސްކޫލް އެކަންޏެވެ.
އެ މުބާރާތުގައި ވާދަކުރުމަށް ޖީއައިއެސްގެ ހަ ދަރިވަރަކާއި ޑެޕިއުޓީ ޕްރިންސިޕަލް އަހްމީމާ އަބްދުލް ޣަފޫރާއި، އިންގްލިޝް ހެޑް އޮފް ޑިޕާޓްމަންޓު ސަރޯޖް ވިލްސަން އާއި ދެ ބެލެނިވެރިއަކު އެމެރިކާ އަށް ފުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ޖީއައިއެސް އިން ބުނީ، މުބާރާތުގައި އެ ސްކޫލުގެ ފަރާތުން ބައިވެރިވި ދަރިވަރުންނަށް ހަތަރު ރަން މެޑަލްގެ އިތުރުން ހަތް ރިހިމެޑަލް ލިބިފައިވާ ކަމަށެވެ. އަދި މުބާރާތުގައި އެ ދަރިވަރުންގެ ހުނަރު ދައްކާލައި މުބާރާތުގައި ބައިވެރިވި 40 ގައުމެއްގެ 1600 ބައިވެރިންގެ ތެރޭގައި ހިމެނުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.
ޖީއައިއެސްގެ ޓީމުން އެމެރިކާ އަށް ކުރި ދަތުރުގައި ހާވާޑް ޔުނިވާސިޓީ ފަދަ ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކަށާއި އދ.ގެ ހެޑް ކުއާޓާސް އަށް ޒިިޔާރަތްކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ. އޭގެ އިތުރުން އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރުމަށް ލިބުނު ފުރުސަތެއްގައި ރާއްޖޭން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރާ ވެސް ބައްދަލުކޮށްފައިވެ އެވެ.
މި އަހަރުގެ ޖުލައި 22 އިން 26ގެ ނިޔަލަށް، ޗެކް ރިޕަބްލިކްގެ ޕްރާގުގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕުގެ މިނީ ގްލޯބަލް ރައުންޑުގައި ޣިޔާސުއްދީންގެ 12 ދަރިވަރަކު ބައިވެރިވެ، އެ ދަރިވަރުން ވަނީ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ވޯލްޑް ސްކޮލާސް ކަޕުގެ މިނީ ގްލޯބަލް ރައުންޑުގައި ޣިޔާސުއްދީންގެ ޓީމަށް ޗެމްޕިއަން ޑިބޭޓުން ރިހި މެޑަލަކާއި މުބާރާތުގައި ދަރިވަރުން އިމްތިހާނު ކުރެވުނު ހުރިހާ މާއްދާގެ ޖުމްލައަށް ބަލާ އިރު އެ ސްކޫލުގެ ދަރިވަރަކަށް ރަން މެޑަލަކާއި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ރަނގަޅު ބައިވެރިޔާގެ މަގާމު ލިބިފައިވެ އެވެ.