23 Nov 2016, 23:54
އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ހިތްވަރު ގަދަ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ ޒުވާނުންގެ އިނާމު އަށް ފަރާތަކުން ހޯދައިފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާގައި ޒުވާނުންނަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ.
ޒުވާނުންގެ އިނާމު ހޯއްދެވި ބޭފުޅުން:
1.މުހައްމަދު ޝާރިފް، މަރިޔާދުގެ، އދ. މާމިގިލި:
ޝާރިފަށް ޒުވާނުންގެ އިނާމު ލިބުނީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިންނެވެ. މިޑެކްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާ ޝާރިފަކީ ދަގަނޑުގެ އެކި އާލާތްތައް ދިވެހި ސަގާފަތް ރަމްޒުވާ ގޮތަށް ހަދަމުން ގެންދާ ޒުވާނެކެވެ. ކޮންސްޓްރަކްޝަންގެ ދާއިރާއަށާއި ބޯޓު ފަހަރު ބަނުމަށް ބޭނުންވާ ދަގަނޑު ފްރޭމްތައް ތައްޔާރުކޮށް، އެފަދަ ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭނާ ދަނީ ފޯރުކޮށްދެމުންނެވެ.
ވިޔަފާރީގެ ދާއިރާއިން ޒުވާނުންގެ އިނާމު ލިބުނު ޝާރިފަށް ރައީސް ޔާމީން އިނާމް ހަވާލުކޮށްދެއްވަނީ-- ފޮޓޯ/ ޔޫތު މިނިސްޓްރީ
2. ހަނާން މުހައްމަދު ނައީމް، ސ. ހިތަދޫ:
ހަނާން އަށް ޒުވާނުންގެ އިނާމު ލިބުނީ އާޓްސް އެންޑް ކަލްޗާގެ ދާއިރާއިންނެވެ. އޭނާއަށް އެ އިނާމު ލިބުނީ ކޭކު އެޅުމާއި އެ ފަންނުވެރިކަން އެހެން މީހުންނަށް ދަސްކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންނެވެ. އަނާންއަކީ އުމުރުން 10 އަހަރުން ފެށިގެން ކޭކް އެޅުމުގެ މަސައްކަތް ފެށި ޒުވާނެކެވެ. މިހާތަނަށް އޭނާ ވަނީ 500 އަށް ވުރެ ގިނަ މީހުން ކޭކު އެޅުމާއި ކޭކު ޓެކްރޭޝަން ދަސްކޮށްދީފަ އެވެ.
3.އަހުމަދު މަނޫދު، ހ. ފޯސީޒަން:
މަނޫދަށް ޒުވާނުންގެ އިނާމު ލިބުނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިންނެވެ. މަސްތުވާތަކެތީގެ އަވާގައި 10 އަހަރު ހޭދަ ކުރި މަނޫދު މިހާރު ގެންދަނީ ޒިންމާދާރު މަގާމެއް ފުރުއްވައި، މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އޭނާ ވަނީ ބެންގަލޫރުން ފަރުވާ ހޯއްދެވުމަށްފަހު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. މިހާރު އޭނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްވުމަށް އެހީތެރިވެދޭ ޒުވާނެކެވެ.
4.މުއައްވިޒު ރަޝީދު، ގދ. ތިނަދޫ:
މުއައްވިޒަށް ޒުވާނުންގެ އިނާމު ލިބުނީ ކުށް މަދުކުރުމުގެ ދާއިރާއިންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މުއައްވިޒު ގެންދަވަނީ ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭނާ އެ މަސައްކަތް ފެއްޓެވީ 2005 ވަނަ އަހަރުން ފެށިގެންނެވެ.
5.އިސްމާއިލް ފަރުހާން، ގ. ފިނިވިލު:
ފަރުހާނަށް ޒުވާނުންގެ އިނާމު ލިބުނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިންނެވެ. އޭނާއަކީ ފަތަން ދަސްކޮށްދޭ ކޯޗެކެވެ. ސުވިމިން ކޯޗިންގެ ދާއިދާއަށް 1999 އަހަރުން ފެށިގެން އޭނާ ގެންދަވަނީ ހިދުމަތް ކުރަމުންނެވެ. ހުނަރުވެރި ފެތުންތެރިން ތައްޔާރު ކުރުމުގައި ފަރުހާން ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
6.އައިޝަތު ރަފިއްޔާ، މ. ވޭވިންލައިޓް:
ރަފިއްޔާއަށް ޒުވާނުންގެ އިނާމު ލިބުނީ ދަރުމަވެރިކަމުގެ ހިދުމަތް ކުރުމުގެ ދާއިރާއިންނެވެ. އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށް ފާއިތުވި 23 އަހަރު ކުރައްވާއިވާ މަސައްކަތްތަކާއި ދަރުމައަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ރަފިއްޔާއަށް ވަނީ ލީޑާސް އެވޯޑު ޔަންގްވުމަށް އާއި އެޗީވާ ވުމަށް ސުޕާ އެޗީވާސް އެކްސެލަންސް އިން ކޯޕަރޭޓް އެންޑް ޕަބްލިކް އެފެއާޒު އެވޯޑު އަދި ޓްއީޕް އެވޯޑު ވަނީ ލިބިވަޑައިގެންފަ އެވެ.

ޒުވާނުންގެ އިނާމު ރައިސް ޔާމީން ރަފިއްޔާއާ ހަވާލު ކުރައްވަނީ --- ފޮޓޯ/ ޔޫތު މިނިސްޓަރީ
ދަރުމަވެރިއެއްގެ ގޮތުން ރަފިއްޔާ ވަނީ ޒުވާނުން ބާރުވެރި ކުރެއްވުމަށް ރީޖަނަލް އެލައިންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ)ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ބްލެކް ފައުންޑޭޝަންގެ އަދި ވިމެން އޮން ބޯޑްސްގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.
7.ތާހާ ހުސައިން، ނަރުގިސްވިލާ، ރ. ރަސްމާދޫ:
ތާހާއަށް ޒުވާނުންގެ އިނާމު ލިބުނީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިންނެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން ތިމާވެއްޓަށް ހިދުމަތް ކުރުމުގެ ދާއިރާއިން އެކި މަސައްކަތްތައް އޭނާ ދަނީ ކުރަމުންނެވެ. ތިމާވެށި ހިމާޔަތް ކުރުމަށް އޭނާ ކުރަމުންދާ މަސައްކަތަކީ އަމިއްލަ ޝައުގުވެރިކަމާއެކު އެއްވެސް އުޖޫރައަކާ ނުލައި ގައުމަށް ކޮށްދެމުންދާ ހިދުމަތެކެވެ.
8.މުހައްމަދު ޔާމީން، އާރޯ، ހއ. ހޯރަފުށީ:
މުހައްމަދު ޔާމީނަށް ޒުވާނުންގެ އިނާމު ލިބުނީ މަސައްކަތްތައް ދަސްކޮށްދިނުމުގެ ދާއިރާއިންނެވެ. މަލްޓިމީޑިއާ ދާއިރާއިން ތައުލީމު ހާސިލު ކުރައްވާފައިވާ ޔާމީން ވަނީ ދެ ރަށެއްގައި ޕްރޮވިޝުއަލް ޑިވެލޮޕްމަންޓް ކްލާސްތައް ހިންގައި، އެ ދެ ރަށުގެ މުއައްސަސާތަކަށް އެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މުޖުތަމައުގައި މަސައްކަތެއް ނެތިފައި ތިބި ޒުވާނުންނަށް މަސައްކަތެއް ދަސްކޮށްދިނުގެ ގޮތުން 15 ރަށެއްގައި ޕްރޮގްރާމް ހިންގައި 1396 ޒުވާނަކު އޭނާ ވަނީ ތަމްރީނުކޮށްފަ އެވެ.
ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ އިނާމް:
ޝަހީދޫ ޖަވާދު އުމަރުގެ ހަނދާނީ ފިލާ މިއަހަރު ލިބިވަޑައިގެންނެވީ ރ. މީދޫ، ލަކީސްޓާ، މުހައްމަދު އާސިމަށެވެ. އޭނާއަށް އެ ހަނދާނީ ފިލާ އެރުވީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށެވެ. ކ. ހުރާ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައި ހަ މީހަކު ކަނޑުވެފައި ތިއްބާ އާސިމް ވަނީ އެ އެންމެން ސަލާމަތްކޮށްފަ އެވެ. އާޓިފިޝަލް ބީޗުގައި ދެ ކުޑަކުއްޖަކު ގެންބިގެން ދަނިކޮށް ވެސް އޭނާ ވަނީ އެ ދެ ކުދިން ސަލާމަތްކޮށްފަ އެވެ.
މިނިސްޓަރު އޮފް ޔުތު އެންޑް ސްޕޯޓްސް ދެއްވާ ހާއްސަ އިނާމް:
ޔޫތު މިނިސްޓަރުގެ ހާއްސަ އެވޯޑު މިއަހަރު ލިބިވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށެވެ. ޔޫތު މިނިސްޓަރުގެ ހާއްސަ އެވޯޑު އޭނާއަށް ލިބިވަޑައިގެންނެވީ ކާމިޔާބީއާ ހިސާބަށް ވާސިލުވުމުގައި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށެވެ.
ގދ. މަޑަވެއްޔަށް އުފަން މުނައްވަރާ ބެހޭ ގޮތުން މިރޭގެ ޖަލްސާގައި ދެއްކި ރިޕޯޓެއްގައި ބުނީ އާއިލާއަކާއެކު "ކުލީ ކޮޓަރިއެއްގައި" މުނައްވަރު މާލޭގައި އުޅެންޖެހުމުން، އޭނާ ތައުލީމު އުނގެނުމަށްޓަކައި ފިލާވަޅު ދަސްކުރީ މިސްކިތަށް ގޮސްގެން ކަމަށެވެ. އަދި އެފަދަ ދަތިހާލެއްގައި އުޅެ، ތައުލީމުގެ މަތީ ހިންގިތައް ގިރާކޮށް، މިނިސްޓަރު ކަމަށް ވަޑައިގެންނެވި ގޮތް އެ ރިޕޯޓުގައި ވަނީ ހާމަކޮށްދީފަ އެވެ.

ރައީސް ޔާމިން ގެ ވެރިކަމަށް 3 އަހަރު ފުރުން ފާހަގަ ކުރަނީ
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް ހިތްވަރު ދެއްވައި، އެފަދަ ޒުވާނުންގެ ކިބައިން އިތްވަރު ލިބިގަތުމަށް އެދިވަޑައިގެންފަ އެވެ.