24 Nov 2016, 00:22
އަންނަ އަހަރުގެ ތެރޭގައި ރައީސް ޔާމީން ޔޫތު މިނިސްޓްރީއާ ހަވާލު ކުރައްވާފައިވާ ޒުވާނުންގެ އެޖެންޑާގެ 75 ޕަސެންޓު ތަންފީޒު ކުރާނެ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރައީސް ޔާމީނަކީ ޒުވާނުންނަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ރައީސެއް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގެ ކުރިން އެއްވެސް ސަރުކާރެއްގައި ޒުވާނުންުނަށް ބޮޑު އިސްކަމެއް ދީފައިނުވާ ކަމަށެވެ. އަދި ޒުވާނުންނަށް ޔޫތު މިނިސްޓްރީއާ ހަވާލު ކުރައްވާފައިވާ އެޖެންޑާގެ ބޮޑު ބައެއް އަންނަ އަހަރުގެ ތެރޭގައި ތަންފީޒު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ ޔޫތު މިނިސްޓްރީއާ ރައީސް ޔާމީން ހަވާލު ކުރައްވާފައިވާ ޒުވާނުންގެ އެޖެންޑާގެ 75 ޕަސެންޓު އަންނަ އަހަރުގެ މެދެއްހާ ތަނުގައި އަޅުގަނޑުމެންނަށް ތަންފީޒުކުރެވޭނެ،" ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީގެ 47 ޕަސެންޓަކީ ޒުވާނުން ކަމަށްވާއިރު އެމަނިފާނުގެ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ޒުވާން އާބާދީގެ އިހްސާސްތައް ރަނގަޅަށް ވަޒަން ކުރައްވައިގެން ކަމަށެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ ބަޖެޓު އެތައް ގުނައެއް އިތުރު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން 30 މިލިއަން ރުފިޔާގެ ބަޖެޓެއްގައި އޮތް ޒުވާނުންުގެ މިނިސްޓްރީގެ ބަޖެޓު ރައީސް ޔާމީން މިހާރު ވަނީ 10 ގުނަ އިތުރު ކުރައްވާފައި. އަދި ފާއިތުވި ތިން އަހަރު ކޮންމެ އަހަރަކު 300 މިލިއަނެއްހާ ރުފިޔާ ޒުވާނުންގެ ތަރައްގީއަށް ކަނޑައަޅުއްވާފައިވޭ،" އިރުތިޝާމް ވިދާޅުވި އެވެ.
އިރުތިޝާމުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ޒައާމަތުގެ ކުރިން ހިންގި އެއްވެސް ސަރުކާރެއްގައި ގައުމީ އެޖެންޑާގެ އެންމެ އިސްކަމެއް ޒުވާނުންނަށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ މެނިފެސްޓޯގައި އެންމެ ކުރީގައި ޒުވާނުންގެ ވާހަކަ ދައްކަން ފެއްޓެވި ލީޑަރަކީވެސް ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް ޔާމީން ޒުވާނުންގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ.