23 Nov 2016, 20:51
އަންހެނުންގެ އަގު ވަޒަންކުރުމަށް ޖެންޑާ މިނިސްޓްރީން ދެމުން އަންނަ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން މުއައްސަސާ ތަކާއި، އޮފީސް އަދި ކުންފުނިތަކަށް އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ޝަރުތުތައް އެކުލެވޭ ލިޔުން އަދި އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށާއި، އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ރާއްޖޭގެ ގައުމީ ތަރައްގީއާއި ލަބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި ހިދުމަތް ކޮށްދެއްވާފައިވާ އަންހެނުންނަށް ދޭ ރެހެންދި އެވޯޑު ފުރަތަމަ ދީފައިވަނީ 2014 ވަނަ އަހަރުގަ އެވެ. އެ އަހަރު އެ އެވޯޑު ހާސިލް ކޮށްފައިވަނީ ރާއްޖޭގެ މޮޅު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާއި މޮޅު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ އެވެ.
ރެހެންދި އެވޯޑު 2015 ވަނަ އަހަރު ކާމިޔާބުކޮށްފައިވާނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި، ފުޅާ ދާއިރާއެއްގައި ދަނޑުވެރި ކަމުގެ މަސައްކަތް ކުރަމުން އަންނަ އއ. ތޮއްޑޫ، ގަމީރާ އާދަމް އެވެ. އަދި މިއަހަރު އެ އެވޯޑު ނުވަ ފަރާތަކުން ވަނީ ހޯދާފަ އެވެެ.
އެ އެވޯޑު ދެމުން އަންނަނީ ކޮންމެ އަހަރަކު ވެސް މާޗު އަށެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުއެވެ.