10 Jan 2017, 00:00
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ މާދަމާ ބޭއްވުމަށް ނިންމަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަންނުދިނުމުގެ ސަބަބުން ފަސް ކުރި،ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާމާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މި އަހަރުގެ ހަރަކާތްތައް ރާވާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި، ހޯމް މިނިސްޓްރީ، އެމްއެންޑީއެފް އަދި ދިވެހި ބަހުގެ އެކެޑަމީ ގުޅިގެންނެވެ. ކުލަ ގަދަ ގޮތަކަށް ރާއްޖެ އިސްލާމްވީ ދުވަހުގެ ހަރަކާތްތައް މިއަހަރަށް ރާވާފައިވާ އިރު، ކުރިން ހަމަޖެހިފައި އޮތީ އެ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައިވެސް ކުރިއަށް ގެންދިއުމަށެވެ.
އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު އަދި ކުޅުދުއްފުށިން ވެސް ޖަލްސާގައި ވަގުތުން ބައިވެރިވާ ގޮތަށް ކުރިން ހަމަޖައްސާފައިވެ އެވެ. ނަމަވެސް މިހާރު އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ހަމައެކަނި މާލޭގައި ޖަލްސާ ބޭއްވުމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިރޭ 'ސަން' އަށް ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވި ހަރަކާތްތަކުގެ ތެރެއިން ރަސްމީ ޖަލްސާ ނޫން އެހެން ހުރިހާ ހަރަކާތްތަކެއް މިހާރު ކެންސަލް ކުރައްވާފައިވާ ކަމަށެވެ.