23 Nov 2016, 19:07
މަޖީދީމަގުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް މަދަމާ ފަށާނެ ކަމަށާއި، ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްޠަލިބު ވިދާޅުވީ ދެވަނަ ސެގްމެންޓުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ދުވަހަކީ މިއަދު ކަމަށާއި، އެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ތިންވަނަ ސެގްމެންޓްގެ މަސައްކަތް މާދަމާ ފަށާއިއިރު އެ މަސައްކަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިންވަނަ ސެގްމެންޓް ފުރަތަމަ ދެ ސެގްމެންޓަށްވުރެ ދިގު ވާނެ ކަމަށާއި، އެގޮތުން ގާތްގަނޑަކަށް އެ ސެގްމެންޓުގައި 240 މީޓަރުގެ ދިގު ސަރަހައްދެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ތިންވަނަ ސެގްމެންޓުގެ މަސައްކަތް ލަގްޒަރީއާ ހިސާބަށް ކުރިއަށް ދާއިރު މަސައްކަތް ކުރިއަށް ގެންދާނީ ޓްރެފިކަށް ބަލާފަ ވީހާވެސް ދަތިކަން ކުޑަވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓްރެފިކަށް ބަދަލުތަކެއް އަންނާނެ. އެގޮތުން އެއް ކޮޅަށް ދުއްވާ މަގުތައް ދެކޮޅަށް ދުއްވާ މަގުތަކަށް ބަދަލުވެ. އަދި ބައެއް މަގުތައް މިހާރު ދުއްވާ ކޮޅު ނޫން އަނެއް ކޮޅަށް ދުއްވާ މަގުތަކަށް ބަދަލުވެގެން ދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ޓްރެފިކަށް ގެންނަ ބަދަލުތަކަކީ ފަނޑިޔާރު މަގު ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުމާއި، ޖަންބުމަގު އަސަރީހިނގުމާއި ގުޅުނު ހިސާބުން ފެށިގެން އުތުރުން ދެކުނަށް ދުއްވާ މަގަކަށް ބަދަލުކޮށް، މުނިޔާމަގު ޝްރީވަރުދީ ހިނގުމާއި ގުޅުނު ހިސާބުން ފުނަގޯޅި އާއި ހަމައަށް ދެކުނުން އުތުރަށް ދުއްވާ ގޮތަށް ބަދަލުކޮށް ފުނަ ގޯޅި ހުޅަނގުން އިރަށް ދުއްވާ މަގަކަށް ބަދަލުކުުރާނެ އެވެ.
މަޖީދީމަގުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ ވިދާޅުވީ އަލަށް މަގު ހެދިގެން އަންނަ އިރު މަގަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، އެގޮތުން ފުރަތަމަ ސެގްމެންޓް ނިންމާލާފައިވާއިރު، މަޖީދީމަގު ކޮންމެވެސް ވަރަކަށް އުސްވެ ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ.
"މަޖީދީމަގުގެ ހުޅަނގު ފަރާތަކީ ވަރަށް ބޮޑަށް ފެން ހެދެމުން ދިޔަ ސަރަހައްދެއް. މިހާރު މިގެނެވުނު ބަދަލާ އެކު މަޖީދީމަގު ކޮންމެވެސް ވަރަކަށް އުސްވެގެން ގޮސްފަ އޮންނާނީ. އަދި އެއާއެކު ފެންހިނދޭނެ ނިޒާމެއްވެސް ގާއިމް ކުރެވިފަ ވާނީ. ފެން ބޮޑުވެފަ އެއް ނޯންނާނެ އެސަރަހައްދަކު. ކުރިން ވަރަށް ބޮޑަށް ފެން ބޮޑުވާ ސަރަހައްދެއް އެއީ،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދިގެން ދާއިރު، ކުރިން ހުންނަ އަޑިގުޑަން ތަކާއި ހަލާކުވެފައި ހުރިތަންތަނަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި ކުދި ގޯޅިތަކަށް ފަސޭހައިން މީހުންނަށް ވަދެ ނުކުމެވޭނެ ގޮތަތައް ފަހި ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.