ލ. އަތޮޅުގެ މަތިމަރަދޫ ކައުންސިލްގެ އިދާރާ ފަޅާލައި ދެ ކޮޕިއުޓަރު ސިސްޓަމް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8 ޖަހާއެހާކަންހާއިރު ކަމަށާއި އެތަނުން ގެއްލިފައި ވަނީ ކޮން އެއްޗިއްސެއްތޯ ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މަތިމަރަދޫ ކައުންސިލުން ބުނީ އެ އިދަރާ ފަޅާލައި ދެ ކޮމްޕިއުޓަރާއި ބެކަޕް ބެޓަރީއެއް ވަގަށް ނަގަފައިވާ ކަމަށެވެ. އަދި ކައުންސިލް ތެރެއަށް ވަދެފައި ހުރީ ފާހާނާގެ ފެންލައިޓްގެ ބިއްލޫރިތައް ނައްތުވާލައިގެން ކަމަށް ވެސް ކައުންސިލް އިދާރާ އިން ބުންޏެވެ. ވަގަށް ނެގި ދެ ކޮމްޕިއުޓަރު ސިސްޓަމް ނަގައިގެން ވަގުން ނިކުމުފައި ވަނީ އޮފީސް ތެރޭގައި ހުރި ގުދަނެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ކަމަށް ވެސް މަތިމަރަދޫ ކައުންސިލުން ބުންޏެވެ.
މަތިމަރަދޫ ކައުންސިލްގެ އިދާރާ ފަޅާލި އިރު އެތަނުގައި ސިކިއުރީޓެއް ނެތެވެ.