23 Nov 2016, 18:02
ޖެންޑާ މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިންގާ ފިޔަވަތީގައި ތިބި ކުދިންނަށް ޤުރުއާން ކުލާސްތައް ހިންގައިދިނުމަށް އިސްލާމިކް މިނިސްޓްރީއާއެކު ޖެންޑާ މިނިސްޓްރީން އެއްބަސްވެއްޖެއެވެ.
ވިޔަވަތީގައި ތިބި ކުދިންގެ ތެރެއިން އުމުރުން ތިން އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނަށް ޤުރުއާނަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ދެ މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގައި ހުރިހާ ވަސީލަތްތަކަކާއެކު ފިޔަވަތީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއް އަހަރު ދުވަހުގެ މުއްދަތައް ޤުރުއާން ކުލާސްތައް ހިންގައިދޭނެއެވެ.
ގާތްގަނޑަކަށް 85 ވަރަކަށް ކުދިން ބަލަހައްޓަމުންދާ ވިޔަވަތީގައި ޤުރުއާން ކުލާސްތައް ހިންގައިދޭން ފަށަން ނިންމާފައިވާއިރު މިއީ ޤުރުއާން ކިޔަވައިދޭން އިސްލާމިކް މިނިސްޓްރީއާ އިތުރު މިނިސްޓްރީއަކާއެކު އެއްބަސްވި ފުރަތަމަ ފަހަރެވެ.
ވިޔަވަތީގައި ކުރިއަށްގެންދަން ނިންމާފައިވާ ކުލާސްތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުދައްރިސުންނާއެކު ކުލާސްތައް ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.