ނިޔުޔޯކް(ނޮވެމްބަރު 23): ފަލަސްތީނާއި އިސްރާއިލާދެމެދު ސުލްޙަ ގާއިމް ކުރުމަށް އިސްކަން ދެއްވާނެކަމަށް އެމެރިކާގެ ރައީސުލްމުންތަޚަބު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ވެރިކަމުގައި ފަލަސްތީނުގެ މައްސަލަ އިހުމާލުކޮށް ނުލައްވާނެ ކަމަށާއި ފަލަސްތީނާއި އިސްރާއިލާދެމެދު ސުލްޙަ ގާއިމް ކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

އެ ދެފަރާތުގެ ދެމެދުގައި ސުލްޙަ ގާއިމް ކުރެވިއްޖެނަމަ އެއީ އެމެރިކާގެ އިތުރުން ޚުދު އޭނާއަށް ވަރަށް ބޮޑު ޝަރަފަކާއި ފަޚްރެއް ލިބިގެންދާނެކަމެއްކަމަށް ޓްރަމްޕް ސިފަ ކުރެއްވިއެވެ. ނަމަވެސް ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙަ ގާއިމްކުރާނެ ގޮތެއް ޓްރަމްޕް ބަޔާންކޮށެއް ނުދެއްވައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ގެނަސް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވާނީ އިންސާފުވެރިކަމާއެކުގައިކަންވެސް ހާމައެއް ނުކުރައްވައެވެ.

ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕް ދެއްވާފައިވާ ހަރުކަށި ބަޔާންތަކުން އޭނާއާމެދު ގިނަ ބަޔަކު ދެކެނީ އިސްރާއީލުގެ ކޮޅަށް މާބޮޑަށްޖެހިވަޑައިގެންފައިވާ ބޭފުޅެއް ގެ ގޮތުގައެވެ. ނަމަވެސް އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ބޭފުޅަކު ނޫނީ އެމެރިކާގައި މިހާތަނަށް ވެރިކަން ކުރައްވާފައެއް ނުވެއެވެ.

އެމެރިކާގައި ބާރުގަދަ ޔަހޫދީ ޖަމާއަތްތަކުންނާއި ޔަހޫދީ ލޮބީ ގްރޫޕްތަކުން މަސައްކަތްކޮށްފައިވަނީ ޓްރަމްޕްގެ ބަދަލުގައި ހިލަރީ ކްލިންޓަން ހޮވުމަށެވެ. ހިލަރީ އަކީ އެމެރިކާގެ ސިޔާސީ މައިދާނަށް ވެންނެވުމުގެ ކުރިން ފަލަސްތީނުގެ ހާލަތާމެދު ކަންބޮޑުވެ ވަޑައިގެން އެތަށްފަހަރަކު ވާހަކަ ދައްކަވާފައިވާ ބޭކަނބަލެކެވެ. ނަމަވެސް ސިޔާސީ މައިދާނަށް ވެދެވަޑައިގަތުމާއެކު ހިލަރީގެ ވިސްނުންވަނީ 180 ޑިގްރީ އަނެއްކޮޅަށް އަނބުރާލެއްވުމަށްފަހު އިސްރާއީލުގެ ހާލަތާމެދު ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. އަދި އެމެރިކާއިން އިސްރާއީލަށް އެންމެ ގިނަ އެހީތައް ދީފައިވަނީވެސް ހިލަރީގެ ޚާރިޖީ ވަޒީރުކަމުގައި އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައެވެ.

ޓްރަމްޕް ވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ޓެލްއަވީވްގައިވާ އެމެރިކާގެ އެންބަސީ، އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ގުދްސަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ އައު ކަމެއްނޫނެވެ. އެމެރިކާގެ ކޮންގްރެސް އިން މިހާރުވެސް ވަނީ އިސްރާއީލުގެ ވެރިރަށަކީ އެގައުމު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދްސު ކަމަށް ބުނެ ބާތިލް ގަރާރެއް ފާސްކޮށްފައެވެ. އަދި އޮބާމާގެ ސަރުކާރުންވެސް އަދި ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ސަރުކާރުންވެސް އިސްރާއީލާއެކު މުޢާމަލާތް ކޮށްފައިވަނީ އިސްރާއީލުގެ ވެރިރަށަކީ ފަލަސްތީނުގެ ރަށެއްކަމަށްވާ ގުދްސު ގެ ގޮތުގައެވެ.

ނިޔުޔޯކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ ސޫރިޔާގެ މައްސަލައާބެހޭގޮތުންވެސް ކުރިން ދައްކަވާފައި ނުވާ ވާހަކަ ތަކެއް ދައްކަވާފައެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެމެރިކާ ސޫރިޔާއަށް އަސްކަރީގޮތުން ވަދެނުގަންނާނެ ކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ ސޫރިޔާގެ ހަނގުރާމަ ނިމުމަކަށްގެނަސް ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލު ކުރުމަށް ކަމަށެވެ. އަދި އޭނާ ސޫރިޔާއާމެދު ގެންގުޅުމަށް ރާވާފައިވާ ސިޔާސަތު އެމެރިކާގެ އެހެން ރައީސުންގެ ސިޔާސަތުތަކާ ތަފާތުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ އެމެރިކާއަކީ ގައުމުތައް ބިނާކޮށްދޭން ޖެހޭ ފަރާތެއްކަމަށާއި ގައުމުތައް ހަލާކުކުރަންޖެހޭ ފަރާތެއްނޫންކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އެމެރިކާ ކަންކުރަމުން އަންނަ ގޮތަކީ މިއާ ޚިލާފަށް ގައުމުތައް ހަލާކުކުރާ ގޮތަށެވެ. މިގޮތުން ސޫރިޔާގައި ފިތުނަ އުފައްދައި ސޫރިޔާ ހަލާކުކޮށްލުމުގައި އެމެރިކާގެ ދައުރު ވަރަށްބޮޑެވެ. އަދި އިރާގާއި ލީބިޔާ ހަލާކޮށްލުމުގައިވެސް އެމެރިކާ ވަނީ ލީޑިންގް ރޯލެއް އަދާކޮށްފައެވެ. އަދި ދުނިޔޭގައި އެންމެ އަނިޔާވެރި އަމަލުތައް ހިންގާ ގައުމެއްގެ ގޮތުގައިވެސް ފާއިތުވި ތިރީހަކަށް އަހަރު ސިފަވެގެން ގޮސްފައިވަނީ އެމެރިކާއެވެ. (ނޫސްއެޖެންސީތައް)