23 Nov 2016, 15:43
ބ. ކެންދޫ ފަޅުތެރޭގައި އަޅާފައި އޮތް ދެ ދޯންޏަކާއި ލޯންޗެއްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި އެރަށު މޯނިން ހައުސް އަބްދުއްސަލާމް ޔޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަބްދުއްސަލާމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.
މިއަދުގެ އަޑުއެހުމަށް އަބްދުއްސަލާމް ހާޒިރުވީ، ގާނޫނީ ވަކީލަކާއެކުއެވެ. ގާޒީ އަހުމަދު ޝަކީލް މިއަދުގެ އަޑުއެހުން ނިންމާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށަހެޅުމަށް ދެފަރާތަށް ވެސް ފުރުސަތު ދިނުމަށްފަހުއެވެ.
އަބްދުއްލަމާގެ ބަންދާމެދު ގޮތެއް ނިންމަން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އއ. މާޅޮހު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
ކެންދޫ ފަޅުގައި އޮތް "ފެހިވިނަ" ނަމަކަށް ކިޔާ ފައިބަ ގްލާސް ލޯންޗާއި 40 ފޫޓުގެ "ސަރަކަ" ނަމަކަށްކިޔާ ދޯންޏާއި 70 ފޫޓުގެ "ހޯރަ" ނަމަކަށް ކިޔާ ދޯނީގައި ހުޅުޖަހާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.
އަންދައިލި ތިން އުޅަނދުގެ އަގު ޖުމްލަ 4.3 މިލިޔަން ރުފިޔާއަށް އަރާ ކަމަށް އޮޑިވެރިން ވަނީ ބުނެފައެވެ.
އަނދައި ހުލިވި އެންމެ ބޮޑު ދޯނީގެ އެއް ހިއްސާދާރު ކަމަށްވާ ޢަބުދުލް މުޙުސިން ސަން އަށް ބުނީ ދޯނީގެ އަގަކީ 2.5 މިލިޔަން ރުފިޔާ ކަމަށެވެ. އެއަދަދުގެ ފައިސާ ދޯންޏަށް ޚަރަދު ކޮށްފައި ވަނީ ލޯނެއް ވެސް ނަގައިގެން ކަމަށް އޭނާ ބުންޏެވެ.
"... އަޅުގަނޑުމެންގެ އާއިލީ މަސައްކަތެއް އެއީ ފަސް ބެއިން ހިއްސާވެގެން. ލޯނެއް ނަގައިގެން އުފެއްދި ދޯންޏެއް. ދޯންޏަށް އަދި އަހަރު ދުވަސް ވެސް ނުވޭ. ދެން ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. ފޫނުބެއްދޭ ވަރުގެ ގެއްލުމެއް މިއީ،" ހޯރަ ނަމަކަށް ކިޔާ 75 ފޫޓްގެ ފައިބަ ގްލާސް ދޯނީގެ އެއް ހިއްސާދާރު ޢަބުދުލް މުޙުސިން ބުންޏެވެ.
އޭނާ ބުނީ ދޯނި އޮތީ އިންޝުއާ ވެސް ނުކޮށް ކަމަށެވެ.
އަންދާލި ދެވަނަ ދޯންޏަކީ 45 ފޫޓްގެ ދޯންޏެކެވެ. އެއީ ވެސް ފައިބަ ގްލާސް ދޯންޏެކެވެ. އެދޯނީގެ ވެރިޔާގެ ފަރާތުން ވާހަކަ ދެއްކި މޫސާ ޖަމާލު ބުނީ ދޯނީގެ އަގަކީ 780000 ރުފިޔާ ކަމަށެވެ. އޭގެ އިތުރުން ކަންނެލި މަސްވެރިކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުވެސް ދޯނީގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
އަންދާލައިފައިވާ ފައިބަގްލާސް ލޯންޗްގެ ވެރިޔާ އަބޫބަކުރު ބުނީ އޭނާގެ އުޅަނދުގެ އަގަކީ އެއް މިލިޔަން ރުފިޔާ ކަމަށެވެ. އަދި އޭނާގެ އުޅަނދުވެސް އޮތީ އިންޝުއާ ނުކޮށް ކަމަށް ބުންޏެވެ.