23 Nov 2016, 16:18
މާދާމާ ފަށާ، ރާއްޖޭގައި ސިއްހީ ދާއިރާއިން ބާއްވާ ފުރަތަމަ ފެއާގެ އޭޑީކޭ ސްޓޯލުން ހިލޭ އަލްޓްރާ ސައުންޑް ސްކޭން ހެދޭނެ ކަމަށް އެކްސްޕޯ އިންތިޒާމު ކުރާ އެމްވީ މެޑިކަލްސްއިން ބުނެފި އެވެ.
ނެޝަނަލް އާޓް ގެލެރީގައި މާދަމާ ހެދުނު 10 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހާއްސަކޮށް އޭޑީކޭ ސްޓޯލުން ބަލި މީހުންނާއި އާންމުންނަށް ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެމްވީ މެޑިކަލްއިން ވަނީ ބުނެފައެވެ.
އަލްޓްރާ ސައުންޑް ސްކޭން ހިލޭ ހަދައިދޭ ގޮތަށް ހަމަޖެހިފައި ވުމަކީ ގިނަ ބަޔަކަށް ފޯރުކޮށްދެވޭ ބޮޑު ހިދުމަތެކެވެ. މާލޭގެ ކްލިނިކް ތަކުންނާއި ހޮސްޕިޓަލުތަކުން އަލްޓްރާ ސައުންޑް ސްކޭނެއް އާންމުކޮށް ހަދައިދެނީ 660 ރުފިޔާ އަށެވެ. އަދި އާސަންދަ ހިމަނައިގެން ނަމަ 260 ރުފިޔާ އަށެވެ. އެހެންކަމުން މާދަމާ އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ހިލޭ ސްކޭންހެދޭ ނަމަ މިއީ ވަރަށް ބޮޑު ހިދުމަތެކެވެ.
މެޑިކަލް އެކްސްޕޯ މާދަމާ އަދި ހޮނިހިރު ދުވަހު ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް ހުޅުވިފައި ހުންނާނެ ކަމަށް އެމްވީ މެޑިކަލްސްއިން ބުންޏެވެ. އަދި ހުކުރުދުވަހު ހަވީރު ތިނަކުން ރޭގަނޑު 10 އަކަށްވެސް އެކްސްޕޯ ހުޅުވިފައި ހުންނާނެ ކަމަށް ބުންޏެވެ.
ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެ
މިހާރު ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި، ފަރުވާ ހޯދަމުންދާ ބަލިތަކާ ބެހޭގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާ ބޭނުންވާނަމަ އެކްސްޕޯގައި އުފުރުސަތު ލިބިގެންދާނެ އެވެ.
އޭޑީކޭގައި މަސައްކަތް ކުރައްވާ ބައެއް ސްޕެޝަލިސްޓުން ބަލި މީހުންނަށް ލަފާދެއްވާނެ ކަމަށް އެމްވީ މެޑިކަލްސްގެ މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު އަބްދުލް ޖަލީލް ހުސައިން ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވީ، މެޑިކަލް އެކްސްޕޯއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމާއި ޑޮކްޓަރުންގެ ލަފާ ހޯދުން ފަދަ ކަންކަން ފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ.
މެޑިކަލް އެކްސްޕޯގައި އިންޑިއާގެ ހަ ހޮސްޕިޓަލަކުން ބައިވެރިވެ އެވެ. އޭގެތެރޭގައި ގްލޯބަލް ހޮސްޕިޓަލްސް، މަނިޕާލް ހޮސްޕިޓަލް، ޕްރަސާންތު ފާޓިލިޓީ ރިސާޗް ސެންޓަރ، ޗައިތަންޔާ އައި ހޮސްޕިޓަލް، ކޮލިޓޭޓް މެޑިކެއާ އަދި އާނަންތަޕޫރީ ހޮސްޕިޓަލް ހިމެނެ އެވެ.
އެ ހޮސްޕިޓަލުތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުން އިންޑިއާއަށް ބޭސްފަރުވާއަށް ޒިޔާރަތްކުރައްވާ ދިވެހިންނަށް އެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރަށް ދެއްކުމަށް ކަންތައްތައް ކުރަން ޖެހޭނެ ގޮތުގެ މައުލޫމާތާއި ލިބޭނެ ހިދުމަތްތަކުގެ މައުލޫމާތު ދެއްވާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ.
އާއްމުންނަށް ހިލޭ ވަނުމުގެ ފުރުސަތު އޮންނަ އެ އެކްސްޕޯއިން އިންޑިއާގެ ޗެންނާއީއަށް ދިއުމަށް ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް މޯލްޑިވިއަން އިން ޓިކެޓު ދިނުމަށް ވަނީ ނިންމާފައެވެ.
މެޑިކަލް އެންޑް ހެލްތު އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިގެން އައިޕެޑެއް ހޯދުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އެ އެކްސްޕޯ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދާއިރު، ކޮންމެ ދުވަހަކުވެސް ނަސީބުވެރި ފަރާތަކަށް އެ އިނާމު ލިބިގެންދާނެ އެވެ.