ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބައިވެރިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޖު ކޯޕަރޭޝަނުން ފެށި އެ ސުކީމުގައި މިހާތަނަށް ބައިވެރިވެފައި ވަނީ ހަމައެކަނި ސަރުކާރުގެ އިދާރާތަކާ ކުންފުނިތަކުންނެވެ.

އެގޮތުން މިއަދު އެ ސުކީމުގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރި އެޗްއާރުސީއެމްއާ އެކު ސުކީމުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު 38 އަށަކަށް އަރާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

އެޗްއާރުސީއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "މުވައްޒަފުންގެ ސުކީމް"ގައި ހައްޖު ކޯޕަރޭޝަނާ އެކު ސޮއިކުރި އެއްބަސްވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެމްބަރު މޫސާ އަލީ ކަލޭގެފާނެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޔާމިން އިދްރީސް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވީ، އެ ސުކީމުގައި ކަންތައްތަކުގައި ލުއި ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް ކޮންމެ އިދާރާއަކަށް ވެސް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މުވައްޒަފުންގެ ސުކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސުކީމެކެވެ.

ސުކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭ އިރު 75 ޕަސެންޓު ދައްކައި ނިމުމުން ހައްޖަށްދެވޭނެ އަހަރު އެމީހަކަށް ޔަގީންވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

"މުވައްޒަފުންގެ ސުކީމް"ގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް ވެސް ހުޅުވާލާފައިވާ އިރު އެމްޑީ ޔާމީން ވިދާޅުވި ގޮތުގައި އެ ސުކީމަށް އަމިއްލަ ކުންފުނިތަކާ ފަރާތްތަކުން ވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.