ލޯކަލް ކައުންސިލް އިންތިޚާބުގައި 65 އަހަރުން މަތީގެ މީހުންނަށް ވާދަ ނުކުރެވޭގޮތް ހެދުމަށް ހުށަހެޅި ބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ބޭރުކޮށްފައިވަނީ މަޖިލީހަށް މިއަދު ވަޑައިގަތް މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކު އެވެ. އެގޮތުން ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވޯޓު ދީފައިވަނީ އެ ބިލް މަޖިލީހަށް ބަލައި ނުގަތުމަށެވެ.

މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 65 މެމްބަރުންވެސް ވޯޓު ދެއްވީ މި ބިލާ ދެކޮޅަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އޭނާ ހުށަހެޅި އިސްލާހުވެސް ވަނީ މިއަދު ނެގި ވޯޓުން ބެރުކޮށްފައެވެ.

އެ ބިލް ބަލައިގަތުމަށް ވޯޓު ދެއްވި މެމްބަރަކު ނެތެވެ. ބިލާ ދެކޮޅަށް 67 މެމްބަރުން ވޯޓު ދެއްވި އެވެ.

ޝުޖާއު ހުށަހެޅުއްވި ދެ އިސްލާހުގައިވެސް ވަނީ 65 އަހަރުން މަތީގެ ބޭފުޅުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވާދަ ނުުކުރެއްވޭ ގޮތަށް ހެދުމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރެއްވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނަށް ކަމަށް އޭނާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.