ކަޝްމީރު (ނޮވެމްބަރު 23): ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅިއަށް އިންޑިއާ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި ނުވަ މީހަކު މަރުވެއްޖެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނީލަމް ވަލޭ މަގްސޫދު ވިދާޅުވި ގޮތުގައި އިންޑިއާ އަސްކަރިއްޔާ އިން އެހަމަލާ ދިނީ ބަހަކަށެވެ. އޭގެ ސަބަބުން ބަހުގައި ތިބި ނުވަ މީހަކު މަރުވެ 11 މީހަކަށް އަނިޔާވުމުން އެސަރަހައްދަށް ދިޔަ އެމްބިއުލާންސަށް ވެސް އިންޑިއާ އަސްކަރިއްޔާ އިން ހަަމަލާ ދިން ކަމަށް ޑީއެސްޕީ ނީލަމް ވިދާޅުވި އެވެ.

"އެސަރަހައްދަށް ދިޔަ އެމްބިއުލާންސަށް ވެސް ހަަމަލާތައް ދިން. އެހެންވެ އަނިޔާ ލިބުނު މީހުން ހޮސްޕިޓަލަށް ގެންދިޔައީ އާއްމުންގެ އެހީއާ އެކު ޕްރައިވެޓު ކާރުތަކުގައި،" ޑީއެސްޕީ ނީލަމް ވިދާޅުވި އެވެ.

އެހަމަލާއާ ބެހޭ ގޮތުން އިންޑިއާ އިން ކޮމެންޓުކޮށްފައި ނުވެ އެވެ. ނަމަވެސް އިންޑިއާ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ޕާކިސްތާނު އަސްކަރިއްޔާ އިން ވަނީ މިއަދު ހެނދުނު އިންޑިއާ އަސްކަރިއްޔާގެ ޕޯސްޓުތަކަށް ހަމަލާތައް ދީފަ ކަމަށް ބުނެފަ އެވެ. އަދި އިއްޔެ އެގައުމުން ވަނީ އިންޑިއާގެ ތިން ސިފައިންގެ މަރާ ގުޅިގެން ޕާކިސްތާނުގެ ފަރާތުން ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.

ކަޝްމީރުގައި ހުންނަ އިންޑިއާ އަސްކަރިއްޔާގެ ބޭސްއަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބަޔަކު ހަމަލާދީ އިންޑިއާގެ 18 ސިފައިން މަރާލުމާ ގުޅިގެން ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. (އަލްޖަޒީރާ)