ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 5000 ރުފިޔާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް އެމްޑީޕީގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅުއްވުމުން ޖުމްލަ 17 އިސްލާހެއް އެމްޑީޕީގެ ފަރާތުން ބަޖެޓަށް ހުށަހަޅާފައިވެ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅީ އެންމެ އިސްލާހެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 5000 ރުފިޔާ ދިނުމަށް ހުށަހެޅީ އެމްޑީޕީގެ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މި އިސްލާހު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާ ކަމަށާއި އެހެން ކަމުން ކާބޯތަކެތީގެ އަގު މައްޗަށް ގޮސްފައިވާތީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 5000 ރުފިޔާ ދިނުން މުހިއްމު ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ވަޒީފާ ހޯދަން އުޅެ، ވަޒީފާ ނުލިބޭ ފަރާތްތަކަށް ސަރުކާރުން 2000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވެސް އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅައިފަ އެވެ.