ގޭގޭގައި އުފެދޭ ކުނި އުކާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

މިހާރު މާލޭގައި ގޭބިސީތަކުގައި އުފެދޭ ކުނި އުކާލުމުގައި ގިނައިން ހަރަކާތްތެރިވަނީ ވަކިވަކި ބިދޭސީންނެވެ.

ގޭގެއިން ކުނި އުކާޅުމުގެ މަސައްކަތް އަލަށް ފެށުމަށް ތައްޔާރު ވަމުންދާ ވެމްކޯއިން ވަނީ މާލޭގެ އެކި ސަރަހައްދުތައް ޒޯން ތަކަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ ރެޖިސްޓްރީ ކުރަން ހުޅުވާލާފައިވަނީ ޒޯން އެކެއް ހިމެނޭ ސަރަހައްދުގެ ގޭބިސީ ތަކުންނެވެ.

ވެމްކޯއިން ކުނި އުކާލައިދޭނެ އަގުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިމާރާތަކުން ކުނި ނަގާނަމަ މަހަކަށް 100 ރުފިޔާ އަދި ވަކިވަކި ގޭބިސީ ތަކުން ކުނި ނަގާނަމަ މަހަކަށް 150 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ވެމްކޯއިން ބުނީ އިމާރާތް މާނަކޮށްފައި އެވަނީ އިމާރާތުގެ ތިރިއަށް ނެރެފައި ހުންނަ ކުނި ނެގުމަށް ކަމަށެވެ. އަދި ގޭބިސީ ތައް މާނަކޮށްފައި އެވަނީ ކޮންމެ ބަޔަކު ދިރިއުޅޭ އެޕާޓްމެންޓަކުން ވަކިވަކިން ކުނި ނެގުމަށް ކަމަށެވެ.

އޭގެ އިތުރުން ގޭގައި ހުންނަ ރިސައިކަލް ކުރެވޭ ކުނި ވަކި ކޮތަޅަކަށް އެޅުމަށް ވެމްކޯގައި ރެޖިސްޓްރީ ކުރާ ފަރާތްތަކާއި ކޮތަޅެއް ހަވާލު ކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. އެއީ ވެމްކޯއިން ކުރިއަށް ގެންދާ ކުނި ރިސައިކަލް ކުރުމުގެ ޕްރޮގްރާމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.

ވެމްކޯ މެދުވެރިކޮށް ކުނި އުކާލަން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރަން ބޭނުންވާނަމަ ވެމްކޯގެ ނަމްބަރު 3000581 އާ ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުމަށް އެ ކޯޕަރޭޝަނުން އެދެ އެވެ.