15 Jun 2011, 15:25
ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އެމްޑިޕީން ނަން ހުށަހެޅުއްވި މައްޗައްގޮނޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ޖޭއެސްސީގެ މެންބަރު ކަމަށް ހޮވިވަޑައިނުގަތުމުން އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން މަޖިލީސް ދޫކުރައްވައި ވަޑައިގެންނެވުމުން، ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ޖޭއެސްސީގެ މެންބަރުގެ މަގާމަށް މާރިޔާއާ ވާދަކޮށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޮވިވަޑައިގެންނެވުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ޖަލްސާ ވޯކައުޓް ކުރައްވައި ވަޑައިގެންނެވީ މިއަދުގެ ޖަލްސާ ނިންމަލަން 40 މިނިޓަށް ވެފައި ވަނިކޮށެވެ. އަދި އެ ބޭފުޅުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވި ސަބަބެއް ރިޔާސަތަކަށް ނައަންގަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިން ފަހަރެއްގެ މަތިން ޖަލްސާގެ ކޯރަމް ވަނީ ގެއްލިފައިވެ އެވެ. އެ ގޮތުން ހެނދުނު ދަންފަޅީގަ އާއި މެންދުރު ފަހު ވެސް ކޯރަމް ގެއްލިގެން ދެ ގަޑިއެއް ހާއިރަށް ޖަލްސާ މެދުކަނޑާލާފައިވެ އެވެ. އިއްޔެ ޖަލްސާގައި ވެސް ހަތަރު ފަހަރެއްގެ މަތިން ކޯރަމް ގެއްލި ގަޑިއެއްހާއިރަށް ޖަލްސާ މެދުކަނޑާލަން ޖެހުނުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތް ޖަލްސާގައި 17 ފަހަރަށް ވުރެ ގިނަ ފަހަރަށް ކޯރަމް ގެއްލިގެން ޖަލްސާތައް މެދު ކަޑާލާފައިވެ އެވެ.