23 Nov 2016, 12:49
ލީގްގައި މިދިޔަ ހޮނިހިރު ދުވަހު ކުރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރި މެންޗަސްޓާ ސިޓީގެ ކެޕްޓަމް ވިންސެންޓް ކޮމްޕެނީއަށް ހަފްތާއަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ޕެލަސް އަތުން 2-1ގެ ނަތީޖާ އަކުން ސިޓީ މޮޅުވި މެޗުގައި ކޮމްޕެނީއަށް އަނިޔާވެ ބަދަލުކުރަން ޖެހުނީ ފުރަތަމަ ހާފްގެ 37 ވަނަ މިނެޓްގަ އެވެ. މިސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ކޮމްޕެނީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފައިގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ވަނީ ސްޕެއިންގެ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް އެ ގައުމަށް ގޮސްފައި ކަމަށާއި އަނިޔާ އިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އައުމަށް ހަފްތާއެއްގެ މުއްދަތެއް ނަގާނެ ކަމަށެވެ.
"ދެތިން މެޗަކު ނުކުޅެ ހުރުމަށް ފަހު ފުރަތަމަ 11ގައި ހިމެނި ކުޅެން ނިކުން މެޗުގައި އަނިޔާވުމުން ކޮމްޕެނީ ހުރޫ ވަރަށް ދެރަވެފައި. އޭނާގެ އަނީޔާއެ އެކު ޓީމަށް ވެސް އުނިކަން އަންނާނެ،" ގާޑިއޯލާ ބުންޏެވެ.
އުމުރުން 30 އަހަރުގެ ބެލްޖިއަމް ޑިފެންޑަރު، ކޮމްޕެނީ މި ސީޒަނުގު ލީގްގައި ސިޓީގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައި ވަނީ އެންމެ ދެމެޗެވެ. ހޮނިހިރު ދުވަހުގެ މެޗަށް ކޮމްޕެނީ ނިކުތުމުގެ ކުރިން އޭނާ އެންމެ ފަހުން ފެނިފައި ވަނީ ލީގް ކަޕްގައި މިދިޔަ މަހު ފަހުކޮޅު ސިޓީއިން މެންޗަސްޓާ ޔުނައިޓެޑްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެމެޗުގެ ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޮމްޕެނީ ވަނީ ބަދަލުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގްގައި ސިޓީ އިން މިރޭ ރަށުން ބޭރުގައި ބްރޫޝިއާ މޮންޗަގާލްއާ ދެކޮޅަށް ނިކުންނައިރު އެ މެޗު ކާމިޔާބްކޮށްގެން މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.