ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ޑައިރެކްޓަރު ސަބްރާ އިބްރާހީމް ނޫރައްދީން 2013 ވަނަ ހައްޔަރުކުރީ ރަނގަޅަށް ނޫން ކަމަށާއި އެކަމުގައި ޒިންމާ ވާން ޖެހޭނީ ވަކި ވަކި ފުލުހުން ކަމަށް ބުނެ ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ފުލުހުންގެ އިދާރާ އިން ނިންމައިފި އެވެ.

އިއްޔެ ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކުރުމަށް ފަހު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަބްރާ ދޫކޮށްލާފައިވުމަކީ އޭނާ ހައްޔަރުކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަން އެނގޭ ކަމެއް ކަމަށެވެ.

އެ މައްސަލާގައި މުޅި ފުލުހުންގެ މުއައްސަސާ އިން ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި އެއީ ފުލުހުންގެ ދައުރު އަދާކުރުމުގައި ފުލުހުންނަށް ބާރާއި އިޚްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އަމަލުކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ އެކަން ކުރި ފުލުހުންގެ މައްސަލަ ކަމާ ބެހޭ މުއައްސަސާއަށް ހުށަހެޅުމުގެ ހައްގު ސަބްރާ އަށް ލިބިގެންވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން 2013 ވަނަ އަހަރު ސަބްރާ ހައްޔަރުކުރިކުރުމަށް އޭނާގެ ކިބައިން މައާފަށް އެދުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެެވެ.