23 Nov 2016, 11:43
މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވެސްޓަން ޔޫނިއަން މަނީޓްރާންސްފާއިން މިލިއަނަކަށް ވުރެ ގިނަ ފައިސާތައް ފޭރުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އުމުރުން 20 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްފައެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ގއ. ކޮނޑޭ، ސީނުގޭ އަލީ ޝަނީޒް އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެމަތިން ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.
ޝަނީޒް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓުގެ އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށް އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ކަނޑައަޅައިފައެވެ.
ފުލުހުން ބުނީ ވެސްޓަން ޔޫނިއަނުން ފޭރުނު ފައިސާގެ ތެރެއިން 1،125،590 ދިވެހި ރުފިޔާއާ 321،603 ޑޮލަރު ހޯދުމަށްފަހު މި މަހުގެ ތިނަ ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަށްހާއިރު ބޭންކަށް ޖަމާކޮށްފައިވާ ކަމަށެވެ. އެތަނުން ފޭރުނު ފައިސާގެ ޖުމްލަ އަދަދެއް ނޭނގެއެވެ.
އެ ފައިސާ ފޭރިގެންފައި ވަނީ އެ އޮފީސް ތެރޭގައި ތިބި މުވައްޒަފުން ބަނުމަށް ފަހު ވަޅިން ބިރުދައްކައިގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު ބުނީ ފައިސާތައް ފޭރިގަނެގެން އެމީހުން ބާރަށް ދުވެފައިގޮސް ވަނީ ހ. ތާޅަފިލިގެއަށް ކަމަށެވެ.
އެމީހުން ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފައިސާހުރި ދަބަހުގެ އިތުރުން ސިޑި ގޮޅީގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ހުރި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
ފައިސާތައް ފޭރިގަނެގެން ދުވެފައި ދިޔައިރު، އެމީހުންގެ ޖީބުތަކުން ފައިސާތަކެއް ބިންމަންޗަށް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ ފައިސާތައް މަގުމަތިން ފެނުނު މީހުން ވަނީ ފައިސާތައް ނަގައިގެން ގޮސް ފުލުހުންނާ ހަވާލުކޮށްފައި،" އޭނާ ބުންޏެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ އޮފީހަށާއި ތާޅަފިލިގެއަށް ގޮސް ހަރަކާތްތެރިވެފައެވެ.
ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރޭގައި ތިބި ހަތަރު ބިދޭސީއަކު ބަނުމުގެ ގޮތުން އެމީހުންގެ ގައިގައި ކްލިޕް އަޅުވާފައިވާ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.
ސަންއާ ވާހަކަދައްކަމުން ތާޅަފިލިގޭގައި ދިރިއުޅޭ މީހަކު ބުނީ ވެސްޓަން ޔޫނިއަނުން ފައިސަތައް ވަގަށް ނެގި މީހުން ފިލީ އެގެއަށް ވަނުމަށް ފަހު ކަމަށެވެ. ނަމަވެސް އެ މީހުން ފިލި ގޮތް ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.