އިންތިޚާބީ މަގާމުތަކުގެ ޝަރުތުތައް ހަމަހަމަ ކުރަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އޭނާ މިއަދު ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

އިންތިޚާބީ މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ލޯކަލް ކައުންސިލްތަކުގެ މެމްބަރުން ހިމެނެއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުން އިންތިޚާބު ކުރާ މަގާމުތަކަށް ކުރިމަތި ލެވެން ޖެހޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނަށް ކަމަށެވެ. އަދި ވެރިކަމުގެ ދައުރާއި މަޖިލިސް މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަސްކަމަށްވާނަމަ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ ދައުރަކީވެސް ފަސް އަހަރު ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ވެރިކަމަށް ކުރިމަތިލެވޭނީ 65 އަހަރުން ނުފުރޭ މީހެއް ކަމަށްވާ ނަމަ ކައުންސިލްތަކަށްވެސް ލެވެން ޖެހޭނީ 65 އަހަރުން ދަށުގެ މީހުންނަށް. އަދި އެހެންމެ ގާނޫނު ހަދާ މަޖިލީހުގެ ދައުރަކީ އަންލިމިޓެޑްކޮށް އޮތް ދައުރަކަށް ވީ ހިނދު އަޅުގަނޑުމެން ބޭނުންވީ މަޖިލީހުގެ ދައުރަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ދައުރާ އެއްވަރަށް ތިރިކުރަން. އޭގެ މާނައަކީ ފަސް އަހަރުގެ ދެ ދައުރޭ ކޮންމެ އިއްޒަތްތެރި މެމްބަރަކަށްވެސް ލިބޭނީ. ހަމަ އެހެންމެ ކައުންސިލްތަކަށް ކުރިތިލާ ބޭފުޅުންގެ ދައުރަކީވެސް އަޅުގަނޑުމެން ބޭނުންވަނީ ފަސް އަހަރުގެ ދެ ދައުރަށް ކުޑަކުރަން. މިއީ އަޅުގަނޑުމެން ބޭނުންވާ އުސޫލަކީ،" މިކަމުގައި މަޖިލީހުގެ މެމްބަރުންވެސް އިންތިސްނާކުރަން ބޭނުން ނުވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުން ބާކީ ކުރުން ނޫން ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ބޭނުންވަނީ އިސް ރަށްވެހީންގެ ލަފައާ އެކު ޒުވާނުންނަށް ފުރުސަތު ދީގެން ގައުމު އާރާސްތު ކުރަން ކަމަށެވެ.

ސުޖާއު ވިދާޅުވީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން އަސާސީ ހައްގެއް މަޖިލީހުން ފާސް ކުރާ ގާނޫނަކުން ހަނި ކުރެވިދާނެ ކަމަށް ބަޔާންކޮށްފައި އޮންނާތީ އެ އިސްލާހު ހުށަހަޅުއްވަނީ އެ އުމުރުގެ ބޭފުޅުންނަށް އެންމެ އެކަށީގެންވާ ގޮތުގައި އެފަދަ މަސްއޫލިއްޔަތުތައް ނުއުފުލޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށާއި، އެ އުމުރުގެ ބޭފުޅުންނަށް ދައުލަތުން ހާއްސަ އިނާޔަތެއް ލިބޭ ބަޔަކަށްވާތީއާއި، ޒުވާނުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.