ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންދަވަނީ ކާމިޔާބުކަމާ އެކު މެނިފެސްޓޯގައިވާ ކަންކަން ހާސިލުކުރަމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒުވަމުން އަންނަތަން ފެނުމުން އެކަންކަން ގަބޫލުކުރަން އިދިކޮޅު ފަރާތްތަކަށް ވަރަށް އުނދަގޫވާ ކަމަށެވެ.

"އެހެންވީމާ އެކަންކަން ހާސިލުވާތަން ފެނުނީމާ ވަރަށް އުނދަގޫވާނެ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން. މިއަދު އަޅުގަޑުމެންނަށް ނުފެންނަނީ އިދިކޮޅު ޒިންމާދާރު ފަރާތެއް،" އަޒްލީން ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް ތަރައްގީގެ ކުލަވަރު ނުފެންނަ ކަމަށް ވަންޏާ އެބައުޅޭ އެހެން މައްސަލައެއް ދެއްތޯ. ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް. އެންމެ ފާހަގަކޮށްލެވޭ އެންމެ އައިޓަމެއްގެ ވާހަކަ، އެންމެ ކަމެއްގެ ވާހަކަ ދައްކާލިޔަސް، ބުރިޖު އެޅެމުންދާތަން އަޅުގަނޑުމެންނަށް ނުފެނޭތޯ އަޅުގަނޑުމެންނަށް. ނުފެންނަ ކަމަށް ވަންޏާ މައްސަލައެއް ނޫންތޯ އެ ހިސާބުން."

ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ފަދަ ހުރިހާ ދިމާލަކަށް ލޯ ހުޅުވިފައިވާ އަދި އެހާ ގާބިލުވޭފުޅަކު ސިޔާސީ މާހައުލުން ހޯދައި ނުފެނުނު ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅަކު ތައްޔާރުކުރަން ޖެހޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އެހެންކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ 2023 އަށް ވެސް އަޅުގަނޑުމެން ޖެހޭނީ މީހަކު ތައްޔާރުކުރަން ހެން. އެހެންވީމާ ރައީސް ޔާމީނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅަކަށް ސިޔާސީ ގޮތުން ކުރިއެރުން އެބައޮތް،" އަޒްލީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކިބައިން ވެރިކަން ކުރުމުގެ ވައްޓަފާޅި ދަސްކުރުމަށް އަޒްލީން ވަނީ އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ސަރުކާރުތެރެއިން ކުރަންޖެހޭ ކަންތައް ކާމިޔާބުކަމާ އެކު ކުރަމުން ގެންދަނީމި. އެހެންވީމާ އުންމީދަކީ ރައީސް ޔާމީނާ ވާދަކުރައްވަން ބޭނުންފުޅު ކަމަށް ވަންޏާ އިހަށް ރައީސް ޔާމީން އަރިހުން ސާބިތުކަމާ އެކު، އިޙްލާސްތެރިކަމާ އެކު ދަސްކުރައްވާށޭ،" އަޒްލީން ވިދާޅުވި އެވެ.

ފާއިތުވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ރައީސް ޔަމީނާ ވާދަކުރެއްވި އިރު، ގައުމަށް އެންމެ މުހިންމު ކަންތައްތަކަށް އެޑްރެސްކުރައްވާކަށް އެއިން އެއްވެސް ބޭފުޅަކަށް އެނގިވަޑައިނުގެންނެވި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ ރައީސް ޔާމީން އެވަނީ ސާބިތުކޮށްދެއްވާފައި ދިވެހިރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް އެންމެ މުހިންމު، ދިވެހި އިގްތިސޯދަށް އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯ ބައްލަވާފައި. އެ މައިގަނޑު ސްކީމްތަކެއްގެ ގޮތުގައި އެ ވަޑައިގަތީ،" އަޒްލީން ވިދާޅުވި އެވެ.