ޕޯޗްގަލްގެ ސްޕޯޓިން އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ، ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރީންގެ ލިސްޓުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގުގައި 48 ލަނޑު ކާމިޔާބުކޮށްގެން އެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރީންގެ ހަތް ވަނައިގައި ބެންޒެމާގެ އިތުރުން، މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑެން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗާއި، ޔޫކްރެއިންގެ ކުރީގެ ތަރި އަންދްރޭ ޝެވްޗެންކޯ ހިމެނެއެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ލަނޑެއް އިތުރަށް ކާމިޔާބުކޮށްގެން ބެންޒެމާއަށް ރެއާލްގެ ކުރީގެ ތަރި އާޖެންޓީނާގެ އަލްފްރެޑޯ ޑި ސްޓެފާނޯއާ އަރާ ހަމަކުރެވެނެއެވެ.

އަންގާރަ ދުވަހު، ރަށުން ބޭރުގައި ސްޕޯޓިންއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި ރަފައެލް ވަރާން، އެޓީމަށް ކުރިހޯދައިދީފައި ވަނިކޮށް، މެޗުގެ 80 ވަނަ މިނިޓްގައި ސްޕޯޓިންއަށް ލިބުނު ޕެނަލްޓީއަކުން އެޑްރިއެން ސިލްވާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެ މެޗުގައި ރެއާލުން ތިން ޕޮއިންޓް ކަށަވަރުވީ، ސާޖިއޯ ރާމޯސް ނަގައިދިން ހުރަހަކުން، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެެރިއަކީ، 95 ލަނޑާއެކު ރެއާލްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާގެ ފަހަތުން 90 ލަނޑާއެކު ދެވަނައިގައި ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ހިމެނޭއިރު، ލިސްޓުގެ ތިންވަނައިގައި 71 ލަނޑާއެކު އޮތީ، ރެއާލްގެ ކުރީގެ ތަރި ސްޕެއިންގެ ރައުލްއެވެ.

ޗެމްޕިއަންސް ލީގުގެ އޯލްޓައިމް ޓޮޕް ސްކޮރާސް

  • ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗްގަލް) - 95 ލަނޑު
  • ލިއޮނަލް މެސީ (އާޖެންޓީނާ) - 90 ލަނޑު
  • ރައުލް (ސްޕެއިން) - 71 ލަނޑު
  • ރުޑް ވެނިސްޓްރޯއީ (ނެދަލެންޑްސް) - 56 ލަނޑު
  • ތިއެރީ އޮންރީ (ފްރާންސް) - 50 ލަނޑު
  • އަލްފްރެޑޯ ޑި ސްޓެފާނޯ (އާޖެންޓީނާ) - 49 ލަނޑު
  • އަންދްރޭ ޝެވްޗެންކޯ (ޔޫކްރެއިން) - 48 ލަނޑު
  • ޒްލަޓަން އިބްރަހިމޮވިޗް (ސްވިޑެން) - 48 ލަނޑު
  • ކަރިމް ބެންޒެމާ (ފްރާންސް) - 48 ލަނޑު
  • ޔޫސެބިއޯ (ޕޯޗްގަލް) - 47 ލަނޑު
  • ފިލިޕޯ އިންޒާގީ (އިޓަލީ) 46 ލަނޑު
  • ޑިޑިއޭ ޑްރޮގްބާ (އައިވަރީ ކޯސްޓް) - 44 ލަނޑު