23 Nov 2016, 13:19
މުޅި ދުނިޔޭން ވެސް އެންމެ ފަތާލަން ބޭނުންވަނީ ރާއްޖޭގައި ކަމަށް އެމެރިކާގެ މަޝްހޫރު ކޮމީޑިއަން އަދި ޓީވީ ހޯސްޓް އެލެން ޑިޖެނެރަސް ބުނެފިއެވެ.
ޑިޒްނީން މިއަހަރު ރިލީޒްކުރި "ފައިންޑިން ޑޯރީ" އާ ގުޅޭގޮތުން މިރާ ނޫހަށް ދިން ބަސްދީގަތުމެއްގައި، އެ އެނިމޭޓެޑް ފިލްމުގައި އުޅޭ ނޫކުލައިގެ، ޑޯރީ ނަމަކަށް ކިޔާ މަހަށް އަޑު އަޅައިދީފައިވާ އެލެން ބުނީ، މީގެ ކުރިން ބޯރާ ބޯރާ އަށް ވެސް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރީތިކަން ފެނި ރާއްޖެ އަންނަން އަބަދުވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގައި ފަތާލަން ވަރަށް ބޭނުން. ރާއްޖޭގެ ރީތިކަމުން އަހަރެން އަބަދުވެސް ރާއްޖެ ދާން ބޭނުން،" ދުނިޔެއިން އެންމެ ފަތާލަން ބޭނުންވަނީ ކޮންތާކުތޯ ކުރި ސުވާލަށް ޖަވާބު ދެމުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވާ 'މެޑަލް އޮފް ފްރީޑަމް' ލިބިފައިވާ އެލެން ބުންޏެވެ.
މިއަހަރުގެ ކުރީކޮޅު ތިއޭޓަރުތަކުގައި އެޅުވި "ފައިންޑިން ޑޯރީ" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު އެއީ މިހާތަނަށް ރިލީޒްކުރި އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަސް ވަނަ ފިލްމެވެ.
ކަނޑުއަޑީގެ ދިރުންތަކުގެ ތެރެއިން ވެލާ ދެކެ ވަރަށް ލޯބިވާ އެލެން ބުނީ، މޫދުގައި އެހާ ގިނަ ވަގުތު ހޭދަނުކުރި ނަމަވެސް މޫދަށް އެރި ފަތާ އުޅުމަކީ އޭނާ ޝައުގުވެރިވާ ކަމެއް ކަމަށެވެ. އަދި މޫދު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން މޫދު ހިމާޔަތްކޮށް ސާފުކޮށް ބޭނުމަށް މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ.
އިންޓަވިއުގައި ޑޯރީގެ ކެރެކްޓާއާ ގުޅޭގޮތުން އެލެން ބުނީ، އެންމެން ވެސް ލޯބިވާ މައުސޫމް ގޮތެއް ހުންނަ ޑޯރީއަށް އަޑު އެޅުމަކީ އޭނާ ވަރަށް ޝައުގުވެރިވާ މަޖާ ކަމެއް ކަމަށެވެ. ބައެއް މީހުން އޭނާއާ ޑޯރީއާ ވައްތަރު ކަމަށް ބުނާ ކަމަށާއި އެކަން އަމިއްލައަށް ނުފެނުނު ނަމަވެސް ގަބޫލުކުރާ ކަމަށް އެލެން ބުންޏެވެ.