ޕެރިސް(ނޮވެމްބަރު 23): ގާތްތިމާގެ މީހަކު މަރުވުމުން ފްރާންސުގެ މީހަކަށް މިލްކުވި ގެއެއްގައި 100 ކިލޯގްރާމުގެ ރަން ފޮރުވާފައި ވަނިކޮށް ފެނިއްޖެ އެވެ.

ފްރާންސުގެ ނޯމަންޑީގައި ހުންނަ އެ ގޭގެ ތެރޭން 5،000 ރަން އެތިކޮޅާއި، 12 ކިލޯގްރާމާއި އެއް ކިލޯ ގްރާމް ހުރި ރަންގަނޑުތައް ފެނިފައިވެ އެވެ. އެގޭގެ އާ ވެރިޔާ ވަނީ އެރަން 3.7 މިލިއަން ޑޮލަރަށް ވިއްކާލާފައި ކަމަށް ރަން އޮކްޝަން ކުރުމުގައި ބައިވެރިވި ފަރާތެއް ކަމަށްވާ ނިކޮލާ ފައާފޯޓް ބުންޏެވެ.

ފަޔާފޯޓް ބުނި ގޮތުގައި ގޭގެ ވެރިޔާއަށް ރަން ފެނިފައި ވަނީ ފަރުނީޗަރު އަތުރާފައިވާ ގޮތް ބަދަލު ކުރަން އުޅުމުގެ ތެރޭގައެވެ. އެގޮތުން އޭނާއަށް އެންމެ ފުރަތަމަ ފެނުނީ ދަގަނޑު ފޮށްޓެއްގައި ފޮރުވާފައި ހުރި ރަން ފޮތިތަކެވެ. އެފޮށި ފެނުނީ ފަރުނީޗަރުގެ ތިރީގައި އިސްކުރު ޖަހައިގެން ހަރުކޮށްފައި ވަނިކޮށް ކަމަށް ފަޔާފޯޓް ބުންޏެވެ.

އޭގެ އިތުރުން ރަން ފޮރުވާފައިވާ ތަންތަނުގެ ތެރޭގައި ގޭގެ ފާހާނާ އާއި ބަނގުރާ ފުޅި ރައްކާ ކުރާ ފޮށްޓެއް ހިމެނޭ ކަމަށް ފަޔާފޯޓް ބުންޏެވެ. އަދި އެގެއިން ފެނުނު ސެޓްފިކެޓުން ދޭހަވާ ގޮތުގައި އެރަނަކީ 1950ހާއި 1960ގެ އަހަރުތަކުގެ ތެރޭގައި ގަނެފައިވާ ރަން ކަމަށް ފަޔާފޯޓް ބުންޏެވެ.

އެރަން 3.7 މިލިއަން ޑޮލަރަށް ވިއްކި ނަމަވެސް އެ ހުރިހާ ފައިސާ ގޭގެ ވެރިޔާއަށް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ފްރާންސުގެ މީޑިއާތަކުން ބުނެ އެވެ. ސަބަބަކީ ރަން މިލްކުވުމުން އެއަށް 45 ޕަސެންޓް އިންހެރިޓެންސް ޓެކްސް ދައްކަން ޖެހޭނެތީ އެވެ. އަދި އެރަނުގެ ކުރީގެ ވެރިޔާ، ރަނަށް ޓެކްސް ދައްކާފައި ނުވާ ނަމަ ތިން އަހަރުގެ ބެކް ޓެކްސް ވެސް ދައްކަން ޖެހޭނެތީ އެވެ. (ބީބީސީ)