ރ. ދުވާފަރު ފަޅުތެރެއިން ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތް އިންސާނެއްގެ ގަބުރެއް މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12.45 އެހާކަށް ހާއިރު ދުވާފަރު އިރުމަތީ ފަރާތު ގޮނޑުދޮށުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ބެލިއިރު އެއީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ގަބުރެއް ކަމަށެވެ.

ދުވާފަރުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފަޅުތެރޭގައި އޮއްވާ ފުރަތަމަ ފެނުނީ އެރަށު އަތިރިމައްޗަށް ދިޔަ އަންހެނަކަށް ކަމަށާއި އޭނާ އެ ވާހަކަ އެހެން މީހުން ގާތު ދެއްކުމުން ފުލުހުންނަށް އެ ވާހަކަ އެންގި ކަމަށެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑު ފުލުހުން ނެގި ވަގުތު އެތާ ހުރި ދުވާފަރު މީހާ ބުނީ އެހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ކަމަށެވެ. ކަކުލުން ތިރިއާއި ދެއަތްވެސް ނެތްކަމަށާއި ބޮލުގެ ނާށިގަނޑުވެސް ފުނޑު ފުނޑުވެ ސިފަ ވަކިކުރަން ނޭނގޭ ވަރު ވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަށިގަނޑު އެއްގަމަށް ނާރުވައި ކަނޑަށް ފައްތާ ކަހަލަ ގޮތަކަށް ފުލުހުންނާއި ދުވާފަރު މީހުން ވާހަކަ ދައްކަމުން ދަނީ. ވަރަށް ބޮޑަށް ކުނިވެ، ނުބައި ވަސް ދުވަމުން ދާތީ އެހަށިގަނޑު އެއްގަމަށް އެރުވުމުން ރޯގާއެއް ފެތުރުން ކަހަލަ ކަމެއް ހިނގާފާނެތީ އެގޮތަށް ވާހަކަ ދައްކަނީ،" ދުވާފަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.