ޓިކެޓަކަށް 500 ޑޮލަރުގެ އުސޫލުން، ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކަށް ޑޮލަރު ދޫކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ފަށާފައިވާ އިރު އިއްޔެ އެކަނި ވެސް 466،700 ޑޮލަރު ވިއްކާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ އިއްޔެ ޑޮލަރު ވިއްކާފައި ވަނީ 938 ޓިކެޓަށް ކަމަށެވެ. އަދި އިއްޔެ 344 ފަރާތަކަށް ޚިދުމަތް ދީފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ވިއްކަން ފެށި ފުރަތަމަ ދުވަހު، މި މަހުގެ 20 ވަނަ ދުވަހު އެކަނި ވެސް 802،125 ޑޮލަރު ވިއްކާފައިވެ އެވެ. އަދި ޖެހިގެން އައި ނޮވެމްބަރު 21 ވަނަ ދުވަހު ވިއްކާފައި ވަނީ 527،650 ޑޮލަރެވެ.

މިމަހުގެ 20 ވަނަ ދުވަހު ދުވަހު ޖުމްލަ 535 ކަސްޓަމަރުންނަށް 1629 ޓިކެޓަށް ވާ ވަރަށް ޑޮލަރު ދޫކޮށްފައިވާ އިރު 21 ވަނަ ދުވަހު 381 ކަސްޓަމަރަކަށް 1057 ޓިކެޓަށް ވާ ވަރަށް ޑޮލަރު ދޫކޮށްފައިވެ އެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް، ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ޑޮލަރު ދޫކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސުމުގެ މަގްސަދުގައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު ދޫކުރާނީ އެމްއެމްއޭއިންނެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން ހަވީރު 06:00 އާ ހަމައަށް ޑޮލަރު ގަންނަން އަންނަ ފަރާތްތަކުގެ ޕާސްޕޯޓާއި ޓިކެޓް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިރު، ހަވީރު 16:00 އިން ރޭގަނޑު 20:00 އާ ހަމައަށް ވެރިފައިކުރާ ޓިކެޓްތަކަށް ޑޮލަރު ދޫކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކުމަށް ނިންމާފައިވާ އިރު ޑޮލަރު ވިއްކުމަށް ނިންމާފައި ވަނީ ފުރާ ދުވަހުގެ ހަތް ދުވަސް ކުރިންނެވެ. އަދި އަތޮޅުތެރޭ ބެންކްތަކުން ވިއްކާ ޑޮލަރު ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ވިއްކާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.