އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ބަޖެޓް ކޮމެޓީން މިއަދު ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ކޮމެޓީގެ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރުން މިރޭ 7:00 އާ ހަމައަަށް ކުރިއަށް ގެންދިއުމަށް ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދާ ޖަލްސާއަށް އެޖެންޑާ ކޮށްފައި ހުރި ކަންތައްތައް މަޖިލީހަށް ބަލައިގަނެ އެކަންތައްތަކާ މެދު ބަހުސް ކުރުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބަޖެޓު ރިޕޯޓަށް ބަހުސް ކުރުން މިރޭ 7:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމީ ހާޒިރުވެވަޑައިގެންތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވީ 28 މެމްބަރުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި ވަނީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ 51 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 14 ބިލިއަން ރުފިޔާއެވެ. ބާކީ 49 ޕަސެންޓް ހަރަދު ކުރަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.

ރިކަރަންޓް ހަރަދުގެ 61 ޕަސެންޓް، މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް ހަރަދުކުރާން ހުށަހަޅާފައި ވާއިރު، 16 ޕަސެންޓް ހަރަދުކުރަނީ އޮފީސް ތަކުގެ މަރާމާތާއި ހިންގުމުގެ ހަރަދުތަކަށެވެ. އަދި ނުވަ ޕަސެންޓް ހަރަދު ކުރަނީ ދައުލަތުން ދޭ އެހީތަކަށެވެ.

ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގުމަށް އަށް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަންނަ އަހަރު ހިންގާ ބޮޑު 16 މަޝްރޫއުތަކުގެ ތެރޭގައި ހަތަރު އެއާޕޯޓު އެޅުމާއި 20 ފަޅު ހިއްކުމުގެ އިތުރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

ބަޖެޓު ކޮމެޓީގެ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު ކޮމެޓީން ބަޖެޓު ފާސްކުރީ، އެ ކޮމެޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ޖުމްލަ އަދަދަށް ބަދަލެއް ނާންނަ ގޮތަށް ކޮމެޓީން ފާސްކުރީ އެ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައެވެ.