ޕެރިސް (ނޮވެމްބަރ 23) : ޔޫރަޕްގެ އެއާބަސް މަރުކާގެ 100 މަތިންދާބޯޓު އީރާނަށް ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން އެކުންފުންޏަށް ދީފި އެވެ.

އެއަރބަސް ކުންފުނިން ބުނީ އެ ކުންފުނިން އެކި ސައިޒްގެ 200 މަތިންދާބޯޓު ގަތުމަށް އީރާން ހުށަހަޅާފައިވާ ކަމަށާއި މީގެތެރެއިން 100 ބޯޓު އީރާނަށް ވިއްކުމުގެ ހުއްދަ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ލިޔުމުން މިދިޔަ ހަފްތާގައި ދީފައިވާ ކަމުގަ އެވެ. އެއާބަސް ކުންފުންޏަކީ ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތް ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ނަމަވެސް އެ ކުންފުނިން އުފައްދާ ފަސިންޖަރު މަތިންދާބޯޓުތައް އެސެމްބްލް ކުރުމަށް ބޭނުންވާ ބައިތަކުގެ ތެރެއިން 10 އިންސައްތަ އަށް ވުރެ ގިނަ ބައިތައް އުފައްދަނީ އެމެރިކާގައިވާ އެކުންފުނީގެ ފެކްޓަރީތަކުގަ އެވެ.

އެމެރިކާގައި އެއާބަސްގެ 10 އިންސައްތަ އުފައްދާ ނަމަ ކަމާބެހޭ ގާނޫނުތައް ބުނާ ގޮތުން އެއަރބަސްގެ ބޯޓުތައް ވިއްކުމަށް އެމެރިކާ ސަރުކާރުގެ ރުހުމާއި ހުއްދަ ލިބެންޖެހެ އެވެ. އީރާނާއި އެމެރިކާއާ ދެމެދުގައިވާ ހަތުރުވެރިކަމުގެ ސަބަބުން އެމެރިކާ ވަނީ 1990 އިން ފެށިގެން އީރާނަށް މަދަނީ އަދި އަސްކަރީ މަތިންދާބޯޓު ވިއްކުން މުޅިން މަނާކޮށްފަ އެވެ. އަދި އެމެރިކާގައި އުފައްދާ މަތިންދާބޯޓުތަކުގެ ސްޕެއަޕާޓްސް ވެސް އީރާނަށް ވިއްކުން ވަނީ މަނާކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ފާއިތުވި 25 އަހަރު ތެރޭގައި އީރާން ވަނީ ބޮޑެތި ދަތިތަކަކާއި ވޭންތަކެއް ތަހައްމަލްކޮށްފަ އެވެ. އީރާނުގެ ވައިގެ ފްލީޓްގައި 70 ވަރަކަށް ފަސިންޖަރު މަތިންދާބޯޓު އޮންނައިރު މިއިން އެގައުމުގެ 80 މިލިޔަން މީހުންގެ އާބާދީ އަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ވައިގެ ދަތުރުފަތުރުގެ ޚިދްމަތްތަކެއް ނުދެވެ އެވެ. އަދި މިބޯޓުތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ސްޕެއަޕާޓްސް ވެސް އީރާނުން ހޯދަނީ ކަޅު ބާޒާރުން ބޮޑުއަގުގަ އެވެ.

އީރާނުގެ 80 މިލިޔަންމީހުންގެ އާބާދީއަށް ބޭނުންވާ ވައިގެ ދަތުރުފަތުރުތައް ހަމަޖެއްސުމަށް ޓަކައި އިތުރު 400 މަތިންދާބޯޓު އަވަސް ފުރުސަތެއްގެ ތެރޭގައި ބޭނުންވާ ކަމަށް އެގައުމުގެ ވައިގެ ދަތުރުފަތުރާ ބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި އީރާނަށް ކުރިމަތިވި ދަތިތައް ކުޑަކުރުމަށްޓަކައި އެގައުމުންވަނީ ރަޝިޔާގެ ޓެކްނޮލޮޖީގެ އެހީގައި އަމިއްލައަށް ދެ ސައޒެއްގެ މަދަނީ މަތިންދާޓު އުފައްދަން ފަށާފަ އެވެ. މިއީ 80 ފަސިންޖަރުންގެ ބޯޓުތަކާއި 50 ފަސިންޖަރުންގެ ބޯޓުތަކެވެ.

މިބާވަތުގެ ކުދި 10 ވަރަކަށް ބޯޓު އަހަރެއްގެ ތެރޭގައި އުފެއްދުމުގެ ފަންނީ ގާބިލްކަން ފާއިތުވި 25 އަހަރުތެރޭގައި އީރާނުން ހޯދާފައިވީ ނަމަވެސް މިދާއިރާގައި އީރާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް މިކަމުގެ ސަބަބުން ހައްލެއް ނުކުރެވެ އެވެ. އީރާނުގައި އުފައްދާ ކުދި މަތިންދާބޯޓުތައް އެގައުމުން ބޭނުންކުރަނީ އެތެރޭގެ ދަތުރު ފަތުރުތަކަށް އެކަންޏެވެ. މިއާއެކު އީރާން ގެންދަނީ ބޮޑެތި މަތިންދާބޯޓު އުފެއްދުމުގެ ޓެކްނޮލޮޖީ ހާސިލް ކުރުމަށް ރަޝިޔާއާއި ޗައިނާގެ ފަންނީ އެހީ ހޯދައި މިދާއިރާއިން މީހުން ތަމްރީންކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަދަނީ ފަސިންޖަރު ބޯޓުތައް ޒަމާނީ ފެންވަރަށް އުފެއްދުމުގެ ޓެކްނޮލޮޖީގައި އެމެރިކާއާއި ޔޫރަޕް އުޅެނީ ރަޝިޔާއާއި ޗައިނާއަށް ވުރެ މާ ކުރީގަ އެވެ.

އެމެރިކާއާއި ޔޫރަޕްގެ ފެންވަރަށް ޗައިނާއާއި ރަޝިޔާ ދިޔުމަށް އަދި މަދުވެގެން 10 އަހަރު ނަގާނެކަމަށް ކަމާބެހޭ ދިރާސާތައް ބުނެ އެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމުގައި މދިޔަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް ސޮއިކުރުމާ އެކު އެމެރިކާއާއި ޔޫރަޕުންވެސްވަނީ މަދަނީ މަތިންދާބޯޓު އީރާނަށް ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފަ އެވެ.

މިއާއެކު އީރާން ވަނީ ޔޫރަޕްގެ އެއަރބަސް ކުންފުނިން 200 ބޯޓު އަދި އެމެރިކާގެ ބޮއިންގް ކުންފުނިން 200 ބޯޓު ގަތުމަށް އެދެ ކުންފުންޏާ މަޝްވަރާކޮށްފަ އެވެ. މިހުރިހާ ބޯޓުތަކެއް އީރާނަށް ލިބުމަށް އަދި ފަސް އަހަރާއި ހަތް އަހަރުގެ މުއްދަތެއް ނަގާނެތީ އީރާން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކުރިޔަށްއޮތް ދެ އަހަރު ތެރޭގައި 200 މަތިންދާޓު އެއަރބަސް ކުންފުނިންނާއި ބޮއިންގް ކުންފުނިން ގަތުމަށެވެ. މިދެ ކުންފުނިން ވެސް ވަނީ މިކަމަށް އެއްބަސްވެސްވެފަ އެވެ.

އީރާނަށް މަދަނީ މަތިންދާބޯޓު ވިއްކުމުގެ ހުއްދަ އެމެރިކާގެ މިހާރުގެ ސަރުކާރުން ދިންނަމަވެސް މިހުއްދަ ބާތިލް ކުރުމުގެ ގާނޫނީބާރު އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އޮންނާނެއެވެ. ނަމަވެސް އީރާނަށް ވިއްކާ 400 މަތިންދާބޯޓު ގެ ޖުމްލަ އަގު ގާތްގަނޑަކަށް 700 ވަރަކަށް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު މިވަރުގެ ބޮޑު ވިޔަފާރީގެ މުއާމަލާތެއް އުވާލުމަކީ ޓްރަމްޕްގެ ސަރުކާރަށްވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުގެ ފިއްތުންތައް އޭނާގެ ސަރުކާރަށް ކުރިމަތިވާނެތީ އެވެ.

ނަމަވެސް ޓްރަމްޕާ ގާތް ބައެއް ބޭފުޅުންވަނީ ޓްރަމްޕްގެ ވެރިކަމުގައި އީރާނުގެ ނއުކްލިޔާ އެއްބަސްވުން އެމެރިކާގެ ސައިޑުން އުވާލުމަށް މަސައްކަތް ކުރާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. (ނޫސްއެޖެންސީތައް)