ދިހަ މަސް ވެގެން ދިޔައިރު ވެސް ޑިސްއެބިލިޓީ ކައުންސިލުގެ މެންބަރުންނަށް މުސާރަ ނުލިބޭ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިސް އެބިލިޓީ ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ ކައުންސިލަށް ދިހަ މަސް ވީއިރު ވެސް ކައުންސިލްގައި ތިއްބަވާ ހަތް މެމްބަރުންނަށް މުސާރަ ލިބިފައިނުވާއިރު ކައުންސިލްގެ އަހަރީ ބަޖެޓަކީ 5،000ރ. ކަމަށެވެ.
"އަޅުގަނޑުމެން ބަޖެޓް ހެދިއިރު ފަސް ލައްކަ އާއި ތިން ލައްކަ އާ ދެމެދުގެ ބަޖެޓެއް އެކުލަވާލާފައިވާނެ. އެކަމަކު ބަޖެޓް ފާސްވެގެން އައި އިރު ލިބޭނެ ކަމަށް ބުނެފައި ވަނީ ފަސް ހާސް ރުފިޔާ. މިކަން މިނިސްޓްރީގައި އެކިފަހަރު ދަންނަވާފައި ވާނެ. ކޮންމެ ފަހަރަކު ވިދާޅުވަނީ ބައްލަވާނެ ކަމަށް،" އާތިފް ވިދާޅުވި އެވެ.

ޑިސްއެބިލިޓީ ކައުންސިލްގެ ނައިބު ރައީސް ޙަސަން ނިޒާމް ވިދާޅުވީ އެ ކައުންސިލްގެ ބެލެނިވެރިކަން އޮންނަ ހެލްތު މިނިސްޓްރީގައި ތަކުރާރުކޮށް މެމްބަރުންގެ މުސާރަ އާއި ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް އައިސްފައިނުވާ ކަމަށެވެ. އަދި މިހާތަނަށް ހެލްތު މިނިސްޓްރީން ޑިސްއެބިލިޓީ ކައުންސިލްގެ ބަޖެޓް ބޮޑު ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިނުވާއިރު އެކަމަށް މަގުފަހި ކޮށްދިނުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ކައުންސިލެއް ފަދައިން ގާނޫނަކުން އުފައްދާފައި އޮތް ކައުންސިލްގެ މަސައްކަތް ތައް އެކަށީގެންވާ ގޮތެއްގައި ކުރެވިގެން ނުދާ ކަމަށެވެ.

ކައުންސިލުން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން އަންނަ މައިގަނޑު 11 ޝަކުވާ އުޅޭ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެންޖެހޭ 2،000ރ. ގެ އެލަވަންސް ނުލިބޭ މައްސަލަ ކަމަށެވެ. މީގެ އިތުރުން އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބޭ މައްސަލަ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމު ނުލިބޭ މައްސަލަ ވެސް ހުށަހަޅާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މަދަނައިގައި ބައިވެރިވުމަށް އެދި މިހާތަނަށް ހުށަހަޅާފައިވާ 4،507 ފޯމުގެ ތެރެއިން 2793 ފޯމު އެންސްޕާ އަށް ވަނީ ފޮނުވާފަ އެވެ.