ދެހާސް އަށް ވަނަ އަހަރުގެ ހިޓް ފިލްމު 'ރޮކް އޮން'ގެ ދެވަނަ ބައި 'ރޮކް އޮން 2' ނަކާމިޔާބު ވުމުން ވަރަށް ބޮޑަށް މާޔޫސްވެފައި ވާކަމަށް، ފިލްމުގެ އަންހެން ލީޑު ޝްރައްދާ ކަޕޫރު ބުނެފިއެވެ.

މީޑިއާ އާ ވާހަކަ ދައްކަމުން ޝްރައްދާ ބުނީ، ބުރަ މަސައްކަތްތަކެއް ކުރުމަށް ފަހު ފިލްމާ މެދު ފޮނި އުންމީދު ތަކެއް ކުރެވޭ ކަމަށާއި، އުންމީދުތައް ހާސިލް ނުވުމުން ދެރަވާ ކަމަށެވެ.

"އަހަރެން އުންމީދު ކުރަން އަދިވެސް ގިނަ ބަޔަކު ފިލްމު ބަލަން ދާނެ ކަމަށް. އަދި ގިނަ ބަޔަކަށް ފިލްމު ކަމުދާނެ ކަމަށް ވެސް،" ޝްރައްދާ ބުންޏެވެ.

'ރޮކް އޮން 2' ގައި ޝްރައްދާގެ އަޑުން ކިޔައިދީފައިވާ ތިން ލަވަ ހިމެނޭނެއެވެ. އެއީ 'ތެރެ މެރެ ދިލް'، 'ރޮކް އޮން ރީވިޒިޓެޑް' އަދި 'އުޅްޖަ ރޭ'އެވެ. އޭގެ އިތުރުން ޝްރައްދާ އަންނަނީ ޝޯވ ތަކުގައި ފިލްމުގެ ލަވަތައް ލައިވްކޮށް ހުށަހަޅައި ދެމުންނެވެ.

މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި 'ރޮކް އޮން 2'އަށް މިހާތަނަށް ލިބިފައި ވަނީ ގާތްގަނޑަކަށް 10 ކުރޯޑު ރުޕީޒްއެވެ. އެއާއެކު އެ ފިލްމު ހިމެނިގެން ގޮސްފައި ވަނީ މި އަހަރު މިހާތަނަށް ނުކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ހަފްތާގައި އެންމެ ކުޑަ އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގައެވެ.

އެ ފިލްމުގައި ޝްރައްދާގެ އިތުރުން ދެން ފެނިގެން ދާނީ ފަރްހާން އަޚްތަރު، އަރްޖުން ރާމްޕާލް، ޕޫރަބް ކޯލީ އަދި ޕްރާޗީ ދެސާއީއެވެ.