ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމު 'ނޫރު' އަންނަ އަހަރުގެ އޭޕްރީލް މަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފިލްމުގެ ބަތަލާ ސޮނާކްޝީ ވަނީ އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އެކަން ޔަގީންކޮށްދީފައެވެ.

ނޫރުގައި ސޮނާކްޝީ ފެނިގެން ދާނީ ޕާކިސްތާނުގެ ކަރާޗީގައި ދިރިއުޅޭ ނޫސްވެރިއެއްގެ ރޯލުންނެވެ.

"ނޫރު" އަކީ ސަބާ އިމްތިއާޒް ލިޔެފައިވާ ވާހަކަ "ކަރާޗީ، ޔޫ އަރ ކިލިންގ މީ"ގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެއީ މަޖާ، ކްރައިމް-ތުރިލަރ އެކެވެ.

މި އަހަރު ސޮނާކްޝީގެ ދެ ފިލްމެއް ވަނީ ބެލުންތެރިންނާ ހަމައަށް އައިސްފައެވެ. އެއީ އެކްޝަން ފިލްމް 'އަކީރާ' އަދި 'ފޯސް 2' އެވެ. ދެ ފިލްމަށް ވެސް އެކަށީގެންވާ ވަރެއްގެ ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.