23 Nov 2016, 01:43
ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ޑައިރެކްޓަރު ސަބްރާ އިބްރާހީމް ނޫރައްދީން 2013 ވަނަ ހައްޔަރުކުރީ ރަނގަޅަށް ނޫން ކަމަށާއި އެކަމުގައި މުޅި ފުލުހުންގެ މުއައްސަސާއިން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން 2013 ވަނަ އަހަރު ސަބްރާ ހައްޔަރުކުރިކުރުމަށް އޭނާގެ ކިބައިން މައާފަށް އެދުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އެވެ.
ހައިކޯޓުން ކުރި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކުރުމަށްފަހު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަބްރާ ދޫކޮށްލާފައިވުމަކީ އޭނާ ހައްޔަރުކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަން އެނގޭ ކަމެއް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލާގައި މުޅި ފުލުހުންގެ މުއައްސަސާ އިން ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި އެއީ ފުލުހުންގެ ދައުރު އަދާކުރުމުގައި ފުލުހުންނަށް ބާރާއި އިޚްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އަމަލުކޮށްފައިވާ ކަމަށް ގަބޫލުކުރެވޭނަމަ އެކަން ކުރި ފުލުހުންގެ މައްސަލަ ކަމާބެހޭ މުއައްސަސާއަށް ހުށަހެޅުމުގެ ހައްގު ސަބްރާ އަށް ލިބިގެންވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.