ރާއްޖެ އޮތީ ދުވަހުގެ 24 ގަޑިއިރު ވެސް އިންވެސްޓަރުންނަށް ހުޅުވާލެވިފައި ކަމަށާއި، ރާއްޖެއިން އިންވެސްޓަރުންނަށް އެތައް ފައިދާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނިއުދީއްލީގައި މިއަދު ކުރިޔަށް ދިޔަ ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ އެކިއެކި ދާއިރާތަކުން ދިވެހި ސަރުކާރުން ތަފާތު މަސައްކަތްތަކެއް ކުރަމުންދާ އިރު، ވިޔަފާރި އާއި އިންވެސްޓްމެންޓުގެ ދާއިރާއިންް ރާއްޖެއިން ވަނީ ތަފާތު ގާނޫނުތަކެއް އުފައްދައި، އިންވެސްޓަރުންގެ ހިތް ރާއްޖެއަށް ޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯންސްގެ ގާނޫނު ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ބަނދަރު ހެދުމާއި، އައިޓީ، ޝިޕިންގް، ފައިނޭންޝަލް ޚިދުމަތްތައް، އެކްސްޕޯޓް ޕްރޮސެސިންގް، ބައިނަލްއަގުވާމީ ލޮޖިސްޓިކްސް، ބަންކަރިންގް، ތައުލީމު އަދި ސިއްހަތަކީ ރާއްޖެއިން ސްޕެޝަލް އިކޮނޮމިކް ޒޯނުތައް ހެދުމަށް ވިސްނަމުންދާ ބައެއް ދާއިރާތައް،"

ނަައިބު ރައީސް ވިދާޅުވީ، އިންވެސްޓަރުން މިކަންކަމަށް ޕްރޮޕޯސަލް ހުށަހަޅައިގެން، އެސްއީޒީ ގާނޫނުގެ ދަށުން ލިބޭ ފައިދާތަކުގެ އުފާތައް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އޮތީ، ކޮންމެ ގައުމެއްގެ ކޮންމެ އިންވެސްޓަރަކަށް ވެސް، 24 ގަޑިއިރު ހުޅުވާލެވިފަައި ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން ދެން ހުރިހާ ވިޔަފާރިވެރިންނަށް، ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި. ރާއްޖެ އޮންނާނީ 24 ގަޑިއިރު ހުޅުވާލާފައި. އަޅުގަނޑުމެން މަރުހަބާ ކިޔާނަން ހުރިހާ އިންވެސްޓަރުންނަށް ވެސް، އެއްވެސް ތަފާތު ކުރުމެއް ނެތި. ރާއްޖޭގައި ތިޔަބޭފުޅުންގެ ވިޔަފާރިތަކާޢި އިންވެސްޓްމެންޓްތައް އެއްވެސް އުނދަގުލެއް ނެތި ރެޖިސްޓާ ކުރެވޭނެކަމުގެ ޔަގީންކަން ވެސް ދެން،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޖިހާދު ވިދާޅުވީ ރާއްޖެއަކީ އެހެނިހެން ޖަޒީރާ ގައުމުތަކަށް ވުރެ މާލީ ފައިދާ މާ މަތިން ލިބޭ ގައުމެއް ކަމަށާއި، ރާއްޖެއިން ކްރެޑިޓް ރޭޓިންގް ހެދި އިރު އޭގެ ނަތީޖާތައް ވެސް ރަނގަޅު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ޓެކްސް ދެއްކުމަކީވެސް ފަސޭހަ ކަމެއް ކަމަށާއި، ވިޔަފާރި ރަޖިސްޓަރީކުރުމަކީވެސް ފަސޭހަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވަކިން ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ، މިކަންކަމަށް މަގުފަހިކޮށްދީ، ރަނގަޅު ސިޔާސަތުތަކަކާއި އުސޫލުތަކެއް ތަންފީޒުކޮށް، ވިޔަފާރީގެ ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދިނުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް،" ނައިބު ރައީސް ވިދާޅުވިއެވެ.