ހދ. ކުޅުދުއްފުށީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެ ރަށު ދުވަސްވީ މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.

ފުލުހުން ވަނީ އެ އެކްސިޑެންޓް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު "ސަން"އަށް ވިދާޅުވީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ. އެ އެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސި 6.30 ހާއިރު، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެ މީހާ ގައިގައި ޖެހިގެން ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ޒަހަމްވެފައި އޭނާ އޮތީ. ބޮލަށް ވެސް ޒަހަމްތަކެއް ލިބުނު. ފައިވެސް ގާތްގަނޑަކަށް ބުނާނަމަ ހަމަ ވަކިވެފަ އޮތީ،" އަލީ މުހައްމަދު ވިދާޅުވި އެވެ.

އެކްސިޑެންޓްގައި އަނިޔާވީ އެއީ އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ވަހީދު ވިދާޅުވީ، އޭނާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެމުން މިވަގުތު އަންނަނީ އައިސީޔޫގައި ކަމަށެވެ.

"ބޮލަށާއި ފަޔަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރީ،" މެނޭޖަރު ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވާލުމަށް ވެސް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މާލެއަށް ގެންނާނެ ވަކި އިރެއް ބުނަން އިނގޭނީ ޑޮކްޓަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.