ބަސްދަތުރުގެ ހިދުމަތް ދިނުމަށް މާލޭގައި ގާއިމްކޮށްފައިވާ ބަސް ސްޓޮޕްގައި ޖަހާފައިވާ "ބަސްހުއްޓި" ސްޓޭންޑް ނިޝާނަކީ ޓްރާންސްޕޯޓް އެތޯރިޓީގެ ގަވާއިދާ ހިލާފަށް ހަދާފައިވާ ނިޝާނެއް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ނަސީރު (އެޑަމް) މިއަދު ވިދާޅުވީ އެ ބަސް ހުއްޓިތަކާއި ބަސް ސްޓޭންޑްތައް ހަދާފައިވަނީ ގަވާއިދާ އެއްގޮތަކަށް ކަމުގައި ވިޔަސް "ބަސްހުއްޓި" ޖަހާފައި ހުންނަ ބޯޑުގައިވާ ނިޝާނަކީ ބޭނުންކޮށްފައި ވަނީ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިޝާންތަކުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން އެގަވާއިދު ދަށުން އެބޯޑު ހަދާފައި ހުންނަންޖެހޭނީ ބޯޑުގެ ތެރޭގައި އިނގިރޭސި ބަހުން ބަސްސްޓޮފް ޖަހާފައި އަދި ބަހެއް ކުރަހާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެބޯޑުން ބޭރުގައި ބަސްހުއްޓި އެހެން ޖެހުމަކުން އެއްވެސް މައްސަލައެއް ނެތް، އެ ބޯޑު ހުންނަން ވާނީ ހުދު ކުލައިގަ އަދި ކުރެހުމާއި ލިޔުންތައް ކަޅު ކުލައިގައި، ނަމަވެސް ގަވާއިދުގައިވާ ނިޝާން ބޯޑާއި ބަސްޓޮޕްތަކުގައި ޖަހާފައިވާ އެ ނިޝާން ބޯޑާއި ވަރަށް ތަފާތު،" އެޑަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ލޯކަލް ގަވާންމަންޓް އޮތޯރިޓީއާ އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހުށަހަޅާފައިވާނެ ކަމަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ސަން އަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް މާލޭ ސިޓީކައުންސިލުން ހަވާލުކޮށްފައިވާ އެމްވީކޭ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަހުމަދު ނާޒިމް (މިސުރޭ) މިއަދު ވިދާޅުވީ މާލޭގައި ބަހުގެ ހިދުމަތް ދިނުމުގެ ގޮތުން މިހާތަނަށް ބަސްސްޓޭންޑެއް ގާއިމްކޮށްފައިވާނީ ނަލަ ހިޔާ ހޮޓާ ކައިރީގައި އެކަނި ކަމަށާއި އެތަނުގައި ޖަހާފައިވާ ބަސްހުސްޓިއަކީ ސާންޕަލްއެއް ކަމަށެވެ. އަދި މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމުން ބަސްސްޓޮޕްތަކުގައި ހުރި ނަން ބޯޑުތައް ވެސް ގަވާއިދަށް ފައްތާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އެބޯޑު ޑިޒައިންކޮށްފައި ހަރުކުރީ އޭގެ ސްޓޭންޑަޑަށް ނުބަލާ، އެއީ ސާންޕަލަކަށް ހެދި އެއްޗެއް، ހުރިހާ ކަމެއް ނިމި ހިދުމަތް ފަށާއިރު ހުރިހާ ކަމެއް ހުންނާނީ ރަނގަޅަށް،" ނާޒިމް ވިދާޅުވި އެވެ.

އެމްވީކޭއިން ބުނީ މާލޭގައި ބަހުގެ ހިދުމަތް ފަށާއިރު 10 ބަސް އޮންނާނެ ކަމަށެވެ. އަދި 40 ބަސްސްޓޮޕާއި އަށް ބަސްސްޓޭންޑް ގާއިމްކުރުމަށް ނިންމާފައިވާ ކަމާށާއި ބަސްދަތުރު އޮންނާނީ ހެނދުނު ހަޔަކުން ރޭގަނޑު ބާރައަށް ދެ ރޫޓަކުން ކަމަށެވެ.