22 Nov 2016, 19:02
ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކާއި އޮންނަ ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ސިލްކް ރޫޓާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މާހާސިންތާއެއް ބާއްވައިފިއެވެ.
އެއް ދުވަހުގެ ނިޔަލަށް މިއަދު ހެނދުނު ބަންޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔައަ އެ މަހާސިންތާ ހުޅުވައިދެއްވީ ވަގުތީ ގޮތުން ފޮރިން މިނިސްޓްރީއާ ހަވާލުވެ ހުންނެވި، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.
ޗައިނާ އެމްބަސީ އާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އެ މެހާސިންތާ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ސިލްކް ރޫޓްގެ ސަބަބުން އޭޝިއާ އާއި އެފްރިކާ އަދި އޯޝިއޭނިއާ، ރާއްޖެ ބިމާއި ކަނޑުގެ މަގުން ގުޅުވައިދޭނެ ކަމަށާއި އޭގެ ސަބަބުން މި ރީޖަން އާއި އެހެން ރީޖަންތަކަށް ބޮޑު ވިޔަފާރީގެ މާކެޓެއް ހުޅުވިގެންދާނެ ކަމަށެވެ.
ސިލްކް ރޫޓް އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި މަހާސިންތާގައި އިރުތިޝާމް ވާހަކަފުޅު ދައްކަވްނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
"ސިލްކް ރޫޓްގެ ސަބަބުން ޕާޓްނަރު ގައުމުތަކާއިއެކު އިންފްރާސްޓަކްޗާ އަދި އިންވެސްޓްމަންޓުތަކާއި އިޖްތިމާއީ އަދި އިގްތިސޯދީ ގުޅުންތައް ވަރުގަދަވެގެންދާނެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މީގެން ދުވަހަކު ކުރިނާރާ މިންވަރަށް ކުރިއަރައިގެންދާނެ،" އިރުތިޝާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާއާކީ ރާއްޖޭގެ އެތެރޭގެ މައްސަލްތަކާއި ބެހޭނެ ގައުމެއް ނޫން ކަމަށާއި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ބައިނަލްލަގުވާމި މައްސަލަތަކުގައި ޗައިނާއާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާގެ ސިލްކް ރޫޓްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭން ފުރަތަމަ ފާޅުކުރީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބްދުލްގައްޔޫމް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އަދި އޭގެ ފަހުން ޗައިނާގެ ރައީސް ޒީޖިންޕިން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަމާ މަޝްވަރާތައް ކުރެއްވި އެވެ.
ރާއްޖެއިން ސިލްކް ރޫޓް އެއްބަސްވުމުގައި ސޮއި ކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހގު 16 ވަނަ ދުވަހު ބެއިޖިންގައި ޗައިނާއާއި ރާއްޖޭން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަންގެ ފުރަތަމަ ބައްދަލުވުމަށް ފަހުގަ އެވެ.