22 Nov 2016, 17:18
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބަނދަރުތަކަށް ގާތް ކުރާ އުޅަނދު ފަހަރުތަކުން ނަގާ ފީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މި ބިލް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވީ އެ ކޮމެޓީގެ އަޣުލަބިއްޔަތާ އެކު އެވެ.
މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހުގައި ވަނީ:
200 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200ރ. ނެގުމަށް
- 200 ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ އުޅަނދަކުން 300ރ. ނެގުމަށް
- 1000 ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދަކުން 400ރ. ނެގުމަށް
- 2000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500ރ. ނެގުމަށް
- 2000 ގްރޮސް ޓަނުން ފެށިގެން އިތުރުވާ ކޮންމެ 500 ޓަނަކަށް 250ރ. ނެގުމަށް
މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން އަޒްހާން ވިދާޅުވީ ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައި އޮތް އަދަދަަކަށް ވާތީ ކަމަށެވެ. އަދި މިއީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އެކަށީގެން ނުވާ ކުއްޔެއް ކަމަށް ވެސް އަޒްހާން ވިދާޅުވި އެވެ.
މީގެ ކުރިން ބަނދަރު ކުލި ނަގަމުން އައި އުސޫލު
100 ނެޓް ރެޖިސްޓާޑް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 50ރ.
- 100 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 500 ޓަނު ހަމަނުވާ އުޅަނދަކުން 200ރ.
- 500 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 300ރ.
- 1000 ނެޓް ރެޖިސްޓާޑް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 400ރ.
- 1000 ނެޓް ރެޖިސްޓާޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 200ރ.