22 Nov 2016, 16:52
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި، މާފަންނު ސްނޯރޯޒް އަބްދުއްރައޫފު، 64، އަވަހާރަވެއްޖެ އެވެ.
ރައޫފު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ އަހަރެއްހާ ދުވަސް ފަހުން، އެމެރިކާގެ ބޮސްޓަންގެ ހޮސްޕިޓަލެއްގައި މިއަދުގެ ވަގުތެއްގަ އެވެ.
ރައޫފު އަވަހާރަވި އިރު ހަތް ބޭފުޅުންނާއި ދެ އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވެސް ރައޫފުގެ ދަރިކަނބަލަކާ އެވެ.
ރައޫފަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެވެ. އޭނާގެ ދެ ރިސޯޓެއް ރާއްޖޭގައި އޮޕަރޭޓް ކުރެ އެވެ. އެއީ މާލެ އަތޮޅު ގިރާވަރު ރިސޯޓާއި ޅ. އަތޮޅުޅު ދުފުށި ރިސޯޓެވެ.
ރައޫފަކީ އޭނާގެ ޒުވާން ދުވަސްވަރު ސަރުކާރަށް ވެސް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.