ްއިމިގްރޭޝަނުން ޔުނިފޯމަށް ގެނައި ބަދަލަށް އަމަލު ނުކޮށްގެން ވަޒީފާއިން ވަކިކުރި ހަތަރު މުވައްޒަފުން ތިބި މަގާމަށް ދާއިމީ މުވައްޒަފުން ނުނަގަން ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ދައުލަތަށް އަމުރުކޮށްފި އެވެ.

ހަތަަރު މުވައްޒަފަކު ވަޒީފާއިން ވަކުކުރީ ތުނބުޅިއާ މަތިމަސް އަދި ފަޓްލޫނުގެ ފައިކުރި ބަހައްޓަންވީ ގޮތް ކަނޑައަޅަައި އިމިގްރޭޝަންގެ މުވައްޒަފުން އަމަލު ކުރަން ލާޒިމު ކުރި އުސޫލަށް އަމަލު ނުކުރުމުންނެވެ.

އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމަށް ފަހު ހަތަރު މުވައްޒަފުންގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނީ މައްސަލަ ކުރިއަށް ދަނިކޮށް އެމީހުން އަދާކުރަމުން ދިޔަ ވަޒީފާ އެހެން ބަޔަކަށް ދީފިނަމަ، ވަޒީފާ ދޭން ހުކުމް ކުރާ ހާލަތެއްގައި ވެސް ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ އިމިގްރޭޝަނުން ވަކިކުރި ހަތަރު މުވައްޒަފުންގެ މައްސަލަ ނިމެންދެން އެ މީހުން ތިބި މަގާމަށް ދާއިމީ މުވައްޒަފުން ނުނެގުމަށެވެ.

އިމިގްރޭޝަނުގެ މުވައްޒަފުން ޔުނިފޯމު މިންގަނޑާ ހިލާފުވެގެން ވަޒީފާއިން ވަކިކުރި މައްސަލާގައި އިމިގްރޭޝަނުން ބުނެފައި ވަނީ އެ އިދާރާއަކީ ގައުމީ ސަލާމަތާ ގުޅުންހުރި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ.

އެހެންކަމުން އެ އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލުގައި ވާ ގޮތުން ފިރިހެން މުވައްޒަފުން ތުނބުޅީގެ އިސްތަށި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށްވުރެ ކުރުކޮށެވެ. އަދި ބޯވެސް ކުރުކޮށް ކޮށާފައި ހުންނަށް ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ފަޓްލޫނުގެ ފައިކުރި ކުރުކޮށް ބެހެއްޓުމަކީ މަނާ ކަމެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.