ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ބަޖެޓު ފާސް ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ބެޖެޓު ކޮމެޓީގެ ރިޕޯޓު ހުށަހެޅުމަށް އޭޖެންޑާކޮށްފައިވާއިރު، އެ ކޮމެޓީން ބަޖެޓު ދިރާސާ ކުރި އިރު އެ މަރުހަލާގައި ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެ އެވެ. އެހެން ކަމުން މާދަމާގެ ޖަލްސާއަށް ބަޖެޓު ހުށަހަޅާނީ ސަރުކާރުން ހުށަހެޅި އިރު ބަޖެޓުގައި ހިމަނާފައިވާ މިންވަރަށެވެ.

ބަޖެޓް ދިރާސާ ކުރި ކޮމެޓީން ވަނީ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ޕްރޮގްރާމުތަކަށް ބަދަލު ގެނެސްފަ އެވެ. އިޖުތިމާއީ ތައްގީގެ ބައެއް މަޝްރޫއުތަކުން ފައިސާ އުނިކުރުމަށްފަހު އަލަށް ފަށާ މަޝްރޫއުތަކެއްގެ ގޮތުގައި 21 ޕްރޮޖެޓެއް ބަޖެޓް ކޮމެޓީން ވަނީ ބަޖެޓަށް އިތުރުކޮށްފަ އެވެ. އެ ޕްރޮޖެޓުތައް ހިމެނުމަކުން ބަޖެޓުގެ ޖުމްލަ އަދަދަކަށް ބަދަލެއް ނާދެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު، އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު ހުށަހެޅި ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ 51 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 14 ބިލިއަން ރުފިޔާއެވެ. ބާކީ 49 ޕަސެންޓް ހަރަދު ކުރަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.

ރިކަރަންޓް ހަރަދުގެ 61 ޕަސެންޓް މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް ހަރަދުކުރާން ހުށަހަޅާފައި ވާއިރު، 16 ޕަސެންޓް ހަރަދުކުރަނީ އޮފީސް ތަކުގެ މަރާމާތާއި ހިންގުމުގެ ހަރަދުތަކަށެވެ. އަދި ނުވަ ޕަސެންޓް ހަރަދު ކުރަނީ ދައުލަތުން ދޭ އެހީތަކަށެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ސަރުކާރުން ފަށާފައިވާ އިގްތިސާދީ ކަންކަމަށް މަގުފަހި ކުރެވޭ ގޮތަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ. އެ ބަޖެޓަކީ ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވުގައި 630 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ބެލެވޭއިރު އަންނަ އަހަރު އެ މުއްދަތުގައި 605 މިލިއަން ޑޮލަރަށް އަރާނެ ކަމަށްބެލެވެއެވެ.

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 36.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭއިރު އޭގެތެރޭން 28 ޕަސެންޓަކީ ބޭރުގެ ދަރަންޏެވެ.