15 Jun 2011, 13:35
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ(ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފި އެވެ.
ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެ މަގާމުން އޭނާ ވަކިކުރުމާ ގުޅިގެން، އެ ކޮމިޝަނަށް މެންބަރަކު ހޮވުމަށް ޓަކައި މިއަދު ނެގި ވޯޓްގައި ގާސިމް އިބްރާހިމް ޖޭއެސްސީގެ މެންބަރު ކަމަށް ހޮވިވަޑައިގަތީ ޑީއާރްޕީ/ޕީއޭ ކޯލިޝަނާއި މިނިވަން މެންބަރުން އެމަނިކުފާނަށް ވޯޓް ދެއްވައިގެންނެވެ.
ގާސިމް އިބްރާހިމް ޖޭއެސްސީގެ މެންބަރު ކަމަށް ހޮއްވެވުމަށް ފެންނަމަ ކަމަށް ވޯޓް ދެއްވީ ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން 38 މެންބަރުންނެވެ. އަދި ގާސިމް އެ ކޮމިޝަންގެ މެންބަރު ކަމަށް ކަނޑައެޅުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ 36 މެންބަރުނެވެ.
އެމްޑީޕީގެ ފަރާތުން ޖޭއެސްސީގެ މެންބަރު ކަމަށް ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 36 ވޯޓެވެ. އަދި މާރިޔާއާ އެ ކޮމިޝަންގެ މެންބަރަކަށް ހޮވެވުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ 37 މެންބަރުނެވެ. އަދި ވަކިކޮޅަށް ވޯޓް ނުދެއްވާ އެއް މެންބަރުކު އިންނެވި އެވެ.
ޝަރުއީ ކޯޓްތަކާއި ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތައް ބަލައި އަދަލު އިންސާފު ގާއިމް ކުރާ ޝަރުއީ ނިޒާމް ޒިންމާދާރު ކުރުވާ ޖޭއެސްސީއަކީ 10 މެންބަރުން މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ބޭފުޅުން އިންތިހާބުކޮށް ކަނޑައަޅުއްވާ ފަނޑިޔާރަކާއި ހައި ކޯޓްގެ ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކު ޖޭއެސްސީގައި ހިމެނެ އެވެ. އަދި އާންމުންގެ ތެރެއިން މަޖިލީހުން ހޮވާ މީހެއްގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އެ ބޭފުޅުން އިންތިހާބުކޮށް އައްޔަން ކުރާ ވަކީލެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނެ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަން )ސީއެސްސީ(ގެ ރައީސްއާއި ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް ކަނޑައަޅުއްވާ ބޭފުޅެއްގެ އިތުރުން މަޖިލީހުން ކަނޑައަޅުއްވާ މެންބަރު އެ ކޮމިޝަންގައި ހިމެނޭނެ އެވެ.