22 Nov 2016, 15:59
ބޮޑެތި މާރާމާރީ އާއި ގޭންގު ހަމަނުޖެހުންތައް މިހާރު މާލޭގެ މަގުތަކުން ނުފެންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ މީގެ ކުރިން ފެނިފައި ވަނީ މާލޭގެ މަގުތައް ނާމާން ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ބޮޑެތި މާރާމާރީ އާއި ގޭންގު ހަރަކާތްތައް މިހާރު މާލޭ މަގުތަކުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އަޒްލީން ވިދާޅުވީ ބިއްޖެހިފައިވާ ޒުވާނުން ވެސް މިހާރު މަގުމަތިން ނުފެންނަ ކަމަށާއި އަމަންއަމާންކަން ގާއިމްކުރަން ކުރާ މަސައްކަތް ކާމިޔާބު ކަމަށެވެ.
"ފުރަމާލޭގައި މަގުތަށް ވަރަށް ނާމާން ތަނެއްގެ ގޮތުގައި މިހާތަނަށް އޮތީ ދެއްތޯ. މިއަދު އަޅުގަނޑުމެންނަކަށް ބިއްޖެހިފައިތިބި ޒުވާނުންތަކެއް މަގުމައްޗަކުން ނުފެނޭ. މިއަދު އަޅުގަނޑުމެންނަށް ކޮންމެ އަންހެން ބޭފުޅަކު ވެސް އެބޭފުޅެއްގެ ބޭފުޅުންނާ އެކު މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވާއިރަކު ޕާސް ޖަހައިގަންނަތަނެއް ނުފެނޭ. މިއަދު އަޅުގަނޑުމެންނަށް ބޮޑެތި މާރާމާރީ އާއި ގޭންގު ވަޔަލަންސް އޮންނަތަނެއް ނުފެނޭ،" އަޒްލީން ވިދާޅުވި އެވެ.
މަގުތައް އަމާންވެ، ކަންކަން ރަނގަޅުވެގެން ދިޔުމާ އެކު ރައީސް ޔާމީންގެ ވިސްނުންފުޅަކީ ޒުވާނުންގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެމަނިކުފާނުގެ އެޖެންޑާއާ އެކު މަސައްކަތް ކުރުމަށް ޒުވާނުންނަށް ފުރުސަތު ދެއްވުން ކަމަށް އަޒްލީން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ހޯމް މިނިސްޓްރީގެ މެންޑެޓްގެ ތެރޭގައި ހުރި ކަންތައްތައް 100 ޕަސެންޓަށް ހާސިލު ކުރާނެ ކަމަށެވެ.