22 Nov 2016, 15:27
ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސް ނުވި ކަމަށް ރިޕޯޓް ކުރެވުނީ އެރި އޮޅުމަކުންނެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް މިއަދުގެ މަޖިލީހުގައި ވޯޓަކަށް ނާހަ އެވެ.
މިއަދު ވޯޓު ގަޑީގައި ވޯޓަށް އެހި އެއް ބިލަކީ ވޯޓު ކަރުދާހުގައި ޖަހަން ޖެހޭ ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ހުރެއްޖެ ނަމަ ވޯޓު ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހެވެ. ޕީޕީއެމްގެ އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސް ކުރުމަށް ނުފެންނަ ކަމަށް ލިބުނީ 43 ވޯޓެވެ. އެ އިސްލާހު ފާސްކުރުމަށް ވޯޓު ދީފައި ވަނީ 24 މެމްބަރުންނެވެ.
ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް ވާދަ ނުކުރެވޭ ގޮތަށް ކަނޑައެޅުމަށް ހުށަހެޅި ބިލް ބޭރުކޮށްލި ކަމަށް ރިޕޯޓް ކުރެވުނީ، އެ ދެ ބިލް އޮޅުން އަރައިގެންނެވެ.
ވީމާ އެ ކުށަށް ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
-އެޑިޓަރު -