22 Nov 2016, 16:15
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއުގައި މަސައްކަތް ކުރަން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ގާނޫނީ ޓީމުގައި ހިމެނޭ އިންސާނީ ހައްގުތަކާ ބެހޭ އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލު ބެން އެމާސަން އަންހެނަކަށް ޖިންސީ އަނިޔާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކުޑަކުދިން ޖިންސީ އަނިޔާއިން ރައްކާތެރި ކުރުމަށް އިނގިރޭސިވިލާތުން ހަދާފައިވާ އިންޑިޕެންޑެންޓް އިންކުއަރީ ފޯ ޗައިލްޑް ސެކްޝުއަލް އެބިއުޒް (އައިއައިސީއެސްއޭ)ގެ ހެޑްކުއާޓާޒްގެ ލިފްޓެއް ތެރޭގައި އެމާސަން ޖިންސީ އަނިޔާ ކުރި ކަމަށް ބުނާ އަންހެން މީހާގެ ވާހަކަތައް އެމާސަން ވަނީ ދޮގުކޮށްފަ އެވެ.
އެމައްސަލަ ފެންމަތިވެފައި ވަނީ އައިއައިސީއެސްއޭ އިން ސެޕްޓެމްބަރު މަހު އެމާސަން ސަސްޕެންޑުކޮށްފައި ވަނިކޮށެވެ. ސެޕްޓެމްބަރު 28ގައި އޭނާ ސަސްޕެންޑު ކުރިތާ 24 ގަޑިއިރު ތެރޭ އެމާސަން މަގާމުން އިސްތިއުފާ ދިނެވެ. އަދި އޭގެ ފަހުން އައިއައިސީއެސްއޭ އިން ވަނީ އެނާގެ ސަސްޕެންޝަން ބާތިލުކޮށް، އެއިންކުއަރީގެ މުވައްޒަފެއްގެ ގޮތުގައި ގޭގައި ހުރެގެން މަސައްކަތް ކުރުމަށް ހުއްދަ ދީފަ އެވެ.
ބީބީސީގެ ނިއުސްނައިޓް ޕްރޮގްރާމުން ބުނާ ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާ ވަނީ އަނިޔާގެ ވާހަކަ އައިއައިސީއެސްއޭގެ ޗެއާވުމަން، ޕްރޮފެސާ އެލެކްސިސް ޖޭ އާއި އިންކުއަރީގައި އެފަދަ މައްސަލަތައް ބަލާ ޕެނަލްއާ ހިއްސާކޮށްފަ އެވެ. ނަމަވެސް އެއިންކުއަރީން ވަނީ މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި އެމާސަންއަށް މަގާމުން އިސްތިއުފާ ދިނުމަށް ފުރުސަތު ދީފަ އެވެ.
ޑެއިލީމެއިލްއާ ވާހަކަ ދައްކަމުން އަނިޔާ ލިބުނު އަންހެން މީހާގެ ބައްޕަ ވަނީ ޖިންސީ އަނިޔާ އިން ރައްކާތެރި ކުރުމަށް ހަދާފައިވާ އިދާރާއެއްގައި ޖިންސީ އަނިޔާ ކުރުމަކީ ހައިރާންވާންވީ ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ މައްސަލައާ މެދު އިންކުއަރީން އަމަލު ކުރި ގޮތާ ގުޅިގެން އެއިންކުއަރީގެ ގިނަ މުވައްޒަފުން ވެސް ވަނީ ހިތްހަމަނުޖެހިފަ އެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިންކުއަރީގެ ގިނަ ވަކީލުން އިސްތިއުފާ ދީފައި ވަނީ އެމައްސަލައިގައި ކަން ހިނގި ގޮތުގެ ސަބަބުން ކަމަށް އަންހެންމީހާގެ ބައްޕަ ލަފާ ކުރެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އައިއައިސީއެސްއޭ އިން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަކިވި ހަތް ވަކީލުންގެ ތެރެއިން ހަތަރު ވަކީލުން ވަނީ އެއިންކުއަރީ ތެރޭގައި ހަނގާކުރުމާއި، ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރާ މާހައުލެއް އޮންނަ ކަމަށާއި ނަމަވެސް އެފަދަ ޝަކުވާތައް ފޮރުވަން އިންކުއަރީގެ އިސް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ބުނެ، އެކަންތައްތައް ތަފްސީލުކޮށްފައިވާ ސިޓީއެއް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހުށަހަޅާފަ އެވެ. އެސިޓީތައް މާދަމާ އާއްމު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.